ފުރަތަމަ އެމްބީއޭ ކަޕްގެ އަންހެން ޑީވިޝަންގެ ފައިނަލް މެޗްގައި ހެރިކޭންގެ މައްޗަށް 17 ޕޮއިންޓްގެ ތަފާތަކުން މޮޅުވެ ކުޅުދުއްފުށީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ކޭއެސްއާރް) ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯތްގައި ކުޅުނު ފައިނަލް މެޗުގައި ކޭއެސްއާރް 64 ޕޮއިންޓް ހޯދިއިރު ހަރިކޭންއަށް ހޯދިފައިވަނީ 47 ޕޮއިންޓެވެ.

ފައިނަލް މެޗް މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ 21 ޕޮއިންޓް ހޯދި ކޭއެސްއާރްގެ އާމިނަތު ޝިއުރާއެވެ.

މިމެޗަށް ފަހު އަންހެން ޑިވިޝަންގެ އެކި މަޤާމުތަކަށް އައި ކުޅުންތެރިން ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވިފައިވަނީ ހަރިކޭންގެ ޝައިލާން އަފްސަރެވެ.

އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއެސްއާރްގެ ހުސްނާ މުޙައްމަދެވެ.

އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިކަށް ހޮވިފައިވަނީ ހަރިކޭންގެ ރާއިފާ އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފައިނަލް މެޗްގެވެސް އެންމެ މޮޅު ކުޅުންތެރިޔާ އާމިނަތު ޝިއުރާއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ކަމިޔާބު ކުރި ކުޅުންތެރިޔަކީވެސް ޝިއުރާއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ކޭއެސްއާރްގެ މުޙައްމަދު ޙާޝިމްއެވެ.