28 May 2015, 20:29
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އިން ހިންގި ތިން ކޯހަކުން ދަރިވަރުންތަކެއް ދަސްވެނިވެއްޖެ އެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދަރިވަރުން ދަސްވެނި ވެފައިވަނީ ސެޓްފިކޭޓް ތުރީ އިން އޮފީސް އެޑްމިނިސްޓްރޭޝަން އާއި ސެޓްފިކޭޓް ތުރީ އިން އެކައުންޓިން އެންޑް ފައިނެންޝަލް އެޑްމިނިސްޓްރޭޝަން އަދި ސެޓްފިކޭޓް ތުރީ އިން އައިސީީޓީ ފޮ އޮފީސް އެޑްމިނިސްޓްރޭޝަން ކޯސްތަކުންނެވެ.
ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ދެމުން އެ އިންސްޓިޓިއުޓް އިން ބުނީ އޮފީސް އެޑްމިނިސްޓްރޭޝަނަކީ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި އެކަމުގެ ހުނަރުތައް ބުނެދިނުމަށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ. އެ ކޯސް ފަރުމާ ކުރުމުގައި ބެލެވިފައިވަނީ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަންތަކުގެ މައްޗަށް ކަމަށް ސީއެސްޓީއައި އިން ވަނީ ބުނެފައެވެ.
އެކައުންޓިން އެންޑް ފައިނެންޝަލް އެޑްމިނިސްޓްރޭޝަން ކޯހަކީ ފައިނެންސް އަދި ބަޖެޓް މަސައްކަތްތަކަށް ހާއްސަ ހުނަރުތައް ތަރައްގީ ކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ވެސް އިންސްޓިޓިއުޓް އިން ބުންޏެވެ. އަދި އައިސީޓީ ފޯ އޮފީސް އެޑްމިނިސްޓްރޭޝަން ކޯހަކީ އޮފީސް މާހައުލުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކޮށްގެން މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކޯހުން ދަސްވެނިވި ފަރާތްތަކަށް ހަނދާނީ ލިޔުންތައް ހަވާލު ކުރެވިފައިވާއިރު އެ ކޯސްތައް ފަށާފައިވަނީ ފެބްރުއަރީ މަހުގައެވެ.
މިއަދު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ގައި ބޭއްވި ރައްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އިންސްޓިޓިއުޓްގެ ސީއީއޯ ފާތިމަތު ހަބީބާ ވިދާޅުވީ އެ އިންސްޓިޓިއުޓް އިން ގިނަ ކޯސްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން 11 އަތޮޅެއްގައި 38 ކޯސްތަކެއް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ގައި ބޭއްވި ރައްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދުގެ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ މިއަދު ލިބުނު ސެޓްފިކޭޓް އާއެކު މަސައްކަތް ކުރަން ޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދުވަހެއް ދުވަހަށް ރަނގަޅު ކޮށްދިނުމަށް ކަމަށެވެ.