އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ދޮގު ހަދައި ފުލުހުންގެ ވަޒީފާ އިން ހުސެއިން ރިޝީފް ވަކިކޮށްފައި ވަނީ ފުލުހުންގެ އިސް ވެރިންތަކެއްގެ ރޭވުމުގެ ދަށުން ކަމަށް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން މިއަދު ބުނެފި އެވެ.

ފުލުހުންނާ ދެކޮޅަށް ރިޝީފް ދައުވާ ކުރާ މައްސަލައިގައި އޭނާގެ ގާނޫނީ ވަކީލު މުހްމަދު ވަހީދު އިބްރާހިމް މިއަދު ޝަރީއަތުގައި ވިދާޅުވީ ރިޝީފް ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ރޭ އުޅުނީ އޭނާގެ އަންހެނުންނަށް އަނިޔާ ކުރި ކަމަށް ބުނާ މީހަކު ދުއްވި ސައިކަލެއް ހޯދުމުގައި ކަމަށެވެ. އަދި ރިޝީފާ އެކު ބަދުއަހުލާގީ އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ބުނާ ދެ މީހުންނާ އެކު ނޫޅޭ ކަމަށާއި ނަމަވެސް ރިޝީފްގެ މާބަނޑު އަންހެނުންނަށް އަނިޔާކޮށް އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވާތީ ތުހުމަތު ކުރެވުނު މީހުން އޭނާގެ ބޮޑީގާޑުންގެ ގޮތުގައި ހަރަކާތްތެރިވި ކަމަށެވެ.

ވަކީލު ވިދާޅުވީ އެރޭ ފުލުހުންގެ އިސް އޮފިޝަލުންތަކެއް އޭނާއާ ވަރަށް ގާތްކޮށް އުޅުނު ކަމަށާއި އެތަނުން އެކަކަށް ފުލުހުން ހަވާލުކޮށްފައިވާ ކާރަކަށް ވެސް އެރުވި ކަމަށެވެ. އޭރު އެ ކާރު ތެރޭގައި ފުލުހުންގެ އިސް ތިން ވެރިން ތިބި ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ ރިޝީފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ކާފީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އަދި ފުލުހުންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން ރިޝީފް ވަކިކޮށްފައިވާ އިރު އެއްވެސް ހެއްކެއް ނެތި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ދިފާއު ކުރުމަކީ ބަންޑާރަ ނައިބު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.