28 Feb 2011, 16:49
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓާ ސިރާޖް ޝަމްސުއްދީން، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އޭ.ޑީ.ބީގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުން އޭ.ޑީ.ބީގެ އެހީތެރިކަން ރާއްޖެ އަށް ފޯރުއްވައިދެއްވުމާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމުގައި އޭ.ޑީ.ބީގެ ލަފައާއި މަޝްވަރާ ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އަލަށް ތަޢާރުފް ކުރެވިފައިވާ ޖީ.އެސް.ޓީ ނެގުމުގެ ނިޒާމު ތަރައްޤީ ކުރެއްވުމަށް ކުރައްވަން ޖެހޭ ކަންކަން ފާހަގަކުރެއްވި އެވެ. ރާއްޖެއަށް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމާއެކު، ބޭރު ފައިސާގެ މުޢާމަލާތް ހިންގުމުގެ ސިޔާސަތު އިތުރަށް ފުޅާކުރެއްވުމަށް ކުރައްވަން ޖެހޭ ކަންތައްތަކެއް އެބަހުރިކަން ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ.
ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ ތަރައްޤީގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ޤާއިމު ކުރެއްވުމާއި، މަގު ހެއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ މަޝްރޫޢުތަކަށް އޭ.ޑީ.ބީގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓްގައި، އޭ.ޑީ.ބީގެ ބައިވެރިވުން އިތުރު ކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓާ މިސްޓާ ޝަމްސުއްދީން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފް ކުރައްވަމުން، ރާއްޖެއަށް އެހީ ހޯއްދަވައިދެއްވުމުގައި އިތުރަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.