މިއަދު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްއާ ދިމާކޮށް ފީފާގެ މަތީފަންތީގެ ވެރިންތަކެއްގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމާއެކު ޔޫރަޕް ބައްރުގެ ފުޓްބޯޅައިގެ ޖަމިއްޔާ ޔޫއެފާއިން އިންތިހާބު ފަސް ކުރުމަށް ހުށަހެޅިއިރު އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ ޖަމިއްޔާ އޭއެފްސީއިން އިންތިހާބު ފަސް ކުރުމާ ދެކޮޅު ހަދައިފި އެވެ.

"މި ހާމަ ވެގެންދިޔަ ކަންތައްތަކުން ދޭހަކޮށްދެނީ އަނެއްކާވެސް ފީފާގެ ތެރޭގައި ކޮރަޕްޝަންގެ މޫތައް އާލާވުން އެއީ ސަގާފަތަކަށް ވެގެން ގޮސްފައިވާ ތަން،" ޔޫއެފްއާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ފީފާގެ މައި މަރުކަޒު ހުންނަ ސްވިޒަލޭންޑްގެ ޒިޔުރިކްގައި ސްވިޒަލޭންޑްގެ ގަޑިން މިއަދު ހަވީރު 5:00 (ރާއްޖޭ ގަޑިން މިރޭ 8:00) ގައި ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވާއިރު ފީފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މާދާމައެވެ.

ޔޫއެފާއިން ބުނެފައިވަނީ މާދަމާ އޮންނަ އިންތިޚާބުގެ ކުރިން ޔޫއެފާގެ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައްދަލުކޮށް މިކަމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭއެފްސީން ބުނެފައިވަނީ އިންތިޚާބު ފަސް ކުރުމަށް އެ ކޮންފަޑްރޭޝަނުން ތާޢީދު ނުކުރާކަމަށެވެ.

"އިއްޔެ ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަތަކަކީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް. ނަމަވެސް އެކަމުގެ ސަބަބުން އިންތިޚާބު ފަސް ކުރާކަށް ތާއީދެއް ނުކުރަން،" އޭއެފްސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އޭއެފްސީން މިބަޔާން ނެރުނުއިރު އޭފްސީގެ 47 ގައުމުގެ ތެރެއިން 38 ގައުމުން ވަނީ ކޮރަޕްޝަނާއި ނަޖާއިޒު ފައިދާ ހޯދުމުގައި ތުހުމަތު ކުރެވިފައިވާ ފީފާގެ މިހާރުގެ ރައީސް ޖޯސެފް ބްލެޓާއަށް ފަސް ވަނަ ދައުރަކަށް ތާޢީދު ކުރަން ނިންމާފައެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ބްލެޓާއަށް ތާޢީދު ކުރަން ނިންމާފައެވެ.

އޭއެފްސީގެ ރައީސް އުރުދުންގެ ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާވެސް ތާޢީދު ކުރައްވަނީ ބްލެޓާއަށެވެ.