28 May 2015, 14:50
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި ތުރުކުމިނިސްތާނާ ދެކޮޅަށް ކުޅެ ރާއްޖޭގެ ގައުމީ ޓީމް މޮޅުވެއްޖެ ނަމަ އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 32000 ރުފިޔާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފައިނަލް މެޗް އޮތީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު 3:00 ގައެވެ.
ގައުމީ ވޮލީ ޓީމުގެ މެނޭޖަރު އަލީ ލަތީފަށް ފޯނުން މިއަދު ގުޅުއްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ގައުމީ ވޮލީ ޓީމު ފައިނަލަށް ދަތުރު ކުރި ކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފައިނަލު މެޗުން މޮޅުވެ ގައުމަށް ރީތި ނަމެއް ހޯދައިދެއްވުމަށް ރައީސް ޔާމީން ވަނީ ގައުމީ ވޮލީ ޓީމުގެ ކިބައިން އެދިވަޑައިގެންފައި އެވެ.
ފައިނަލުން މޮޅުވެއްޖެ ނަމަ ވޮލީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 32000 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ފައިނަލު މެޗުން ބަލިވެ މުބާރާތުން ދެވަނައަށް ރާއްޖެ ދިޔަ ނަމަވެސް ރާއްޖެ ހޯދި ކާމިޔާބީގެ އަގުވަޒަންކޮށް 250،000 ރުފިޔާ ގައުމީ ވޮލީ ޓީމަށް ދެއްވާނެ ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ރާއްޖޭގެ ގައުމީ ވޮލީ ޓީމު ފައިނަލަށް ގޮސްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެ ޓުވީޓެއް ކުރައްވާފައި އެވެ.
Congratulations National Volley Ball team on reaching final of Asian Senior Men's Central Zone tournament. Great achievement!
— Maumoon Abdul Gayoom (@maumoonagayoom)May 27, 2015
ރާއްޖޭގެ ގައުމީ ވޮލީ ޓީމު ފައިނަލަށް ދިޔައީ ސެމީފައިނަލް ދެ ވަނަ މެޗްގައި އަފްގާނިސްތާން އަތުން ތިން ސެޓް ދެ ސެޓުން މޮޅުވެގެން ނެވެ.
ބަނގުލަދޭޝްގެ ޑާކާގައި ކުރިއަށް ދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގެ ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ އަފްގާނިސްތާން ޓީމެވެ. އެގޮތުން ފުރަތަމަ ސެޓް 25-23 ން މޮޅުވިއިރު ދެ ވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ 25-17 އިންނެވެ.
ތިން ވަނަ ސެޓް ރާއްޖެ ކާމިޔަބު ކުރީ 25-17 އިންނެވެ. އަދި ހަތަރު ވަނަ ސެޓް ރާއްޖެ ކާމިޔާބު ކުރީ 25-18 އިންނެވެ.
މެޗްގެ ފަސް ވަނަ ސެޓް އަދި ރާއްޖެ މެޗުން މޮޅުވި ސެޓް ކާމިޔާބު ކުރީ 15-12 އިންނެވެ.