28 May 2015, 13:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ރޭ ކުރި މުޒާހަރާއާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ރޭގެ މުޒާހަރާ އިން ތިން މީހަކު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ދަނީ މާލޭގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެއްވުންތައް ބާއްވައި މުޒާހަރާ ކުރަމުންނެވެ.
ރޭގެ މުޒާހަރާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި އެމްޑީޕީގެ ވައިސް ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒާއި ތަސްމީން އަލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.