28 Feb 2011, 16:32
ކ. އަތޮޅާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނެ ތަނެއް ކަނޑައަޅާނީ ޝަރީއަތުން ކަމަށް ލޯކަލް ގަވާރުމަންޓް އޮތޯރިޓީގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު ހަސަން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަފީފު މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 155 ވަނަ މާއްދާގެ ތ.ގައި ލޯކަލް ކައުންސިލްގެ އިދާރާ ކަމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީއްސުރު އަތޮޅު އޮފީސްތައް ކަމުގައި ބަލަމުން އަންނަ ތަންތަން ކަމުގައި ގާނޫނު ބުނާ އިރު، "ތަންތަން" އެބަސް ތަފާތު ގޮތްގޮތަށް މާނަކުރެވޭތީ "ކޮންފުލިކްޓް" އުފެދޭ ކަމަށެވެ. އަދި އެ ކޮންފުލިކްޓް ހައްލުކުރަން ޖެހޭނީ ޝަރުއީ މަރުހަލާ އިން ކަމަށެވެ.
"ތަން ތަން ދިވެހި ބަހުގައި ބޭނުން ކުރެވޭ ކިތަންމެ ގޮތަކަށް. މުއައްސަސާއަށް ވެސް އިމާރާތަކަށް ވެސް ބޭނުން ކުރެވޭ. އެހެންވީމަ ދެން ޖެހޭނީ ޝަރީއަތުން ތަންތަން މާނަކުރަން. ދެން އެނޫން ކޮންގޮތެއްތޯ (ކޯޓަށް ނުގޮސް) އޮންނާނީ އެ ދާއިރާތަކުގެ (ކ އަދި ށ) އިދާރާ ކަޑައަޅަން،" އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އަތޮޅު ކައުންސިލްތައް ހުންނަންވާނެ އިދާރާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނިކޮށް ގާނޫނުން އަތޮޅު ކައުންސިލްގެ އިދާރާ އެހެން ރަށަކަށް ބަދަލުކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކ. އަތޮޅާއި ށ. އަތޮޅުގެ ކައުންސިލުން އަމަލުކުރެއްވީ ލޯކަލް ގަވާރުމެންޓް އޮތޯރިޓީން ފޮނުވާފައި އޮންނަ އެޖެންޑާ އާއި ހިލާފަށް އެބޭފުޅުންނަށް ލިބިވަޑައި ނުގަންނަވާ ބާރެއް ބޭނުން ކުރެއްވުމަށް ކަމަށެވެ.
"ގާނޫނުގެ އެއްވެސް މާއްދާއެއްގައި ބުފައެއް ނެތް އެ ކައުންސިލަކަށް އެ ކައުންސިލްގެ އިދާރާ ގާއިމް ކުރުމުގެ އިހުތިހާރު ލިބިގެންވާ ކަމަކަށް. ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާ އިދާރާ ގާއިމްކޮށްފައިވާ ތަން ބަދަލުކުރުމުގެ އިހުތިޔާރު ވެސް ލިބިގެންވާ ކަމަކަށް. އެހެންވީމަ މި ދެންނެވި ގޮތަށް ގާނޫނުގައި ނެތް ބާރެއް އަމިއްލައަށް ހޯދައިގެން [އެ އުޅެނީ]،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުނަދު އާއި ތުލުސްދޫގައި ހުރި އިމާރާތަކީ ދައުލަތުގެ މުދަލާއި ތަކެތި ކަމަށާއި އެ ތަކެތި ހިމާޔަތް ކުރުމަކީ ހޯމް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ކައުންސިލަރުން ސަރުކާރުން ދައްކާ ވާހަކަ ގަބޫލުނުކުރެއްވުމުން ދައުލަތުގެ މުދައު ބެލެހެއްޓުމަށް ފުލުހުންނާއި ހަވާލުކުރަން ޖެހުނީ ކަމަށެވެ.
"މިކަންތައް ކުރީމަ އެބަޖެހޭ އެ ގާނޫނުގައި ބުނާ ގޮތަށް ކަންތައްތަކެއް ކުރަން. ށ. އަތޮޅު ފުނަދޫގައި ހުރި އިމާރާތަކީ ވެސް އަދި މާލެ އަތޮޅު ތުލުސްދޫގައި ހުރި އިމާރާތަކީ ވެސް އެއީ ސަރުކާރުގެ ދެ އިމާރާތް. އެ އިމާރާތަށް އަމިއްލައަށް ވަދެވަޑައިގަތީ. ދެން އަޅުގަނޑެއް ނެތީން ވެދެވަޑައިގަތީ އެއީ ކޮންކަހަލަ ކަމެއްތޯ ދަންނަވާކަށް. ތިޔަ ބޭފުޅުންނަށް ވެސް އެގިވަޑައިގަންނަވާނެ އެބޭފުޅުން ކޮންކަހަލަ ކަމެއްތޯ އެ ހިންގެވީ. ކޮންކަހަލަ އަމަލެއްތޯ އެއީ؟،" އަފީފު ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ށ. އަތޮޅު ކައުންސިލް ފުނަދޫގައި ހިންގުމަށާއި ކ. އަތޮޅު ކައުންސިލް ތުލުސްދޫގައި ހިންގުމަށް ހުރަސްނޭޅުމަށް އަންގައި، އެ ދެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރުތައް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފަ އެވެ.
ފުނަދޫ ކޯޓުގެ އަމުރާ އެއްގޮތަށް އިއްޔެ ފުލުހުން އިހުތިރާމް ކުރި ނަމަވެސް ފުލުހުން ވަނީ ތުލުސްދޫގައި ހިންގާ ކ. އަތޮޅު ކައުންސިލްގެ އިދާރާގެ މަސައްކަތަށް އަނެއްކާ ވެސް މިއަދު ހުރަސްއަޅައިފަ އެވެ. އެ ގޮތުން މިއަދު ހެނދުނު އޮފީސް ހުޅުވަން ދިއުމުން ފުލުހުން އެކަމަށް ހުރަސްއަޅައި ހަތަރު ގަޑިއެއްހާ އިރު ވަންދެން އޮފީސް ހިސޯރުކޮށްފައިވެ އެވެ. ކ. އަތޮޅު ކައުންސިލްގެ އިދާރާގެ ހުޅުވުމުގެ ހުއްދަ މިއަދު ދިނީ ހެނދުނު 11 ޖަހާ އެހާކަންހާއިރު އެވެ.