28 May 2015, 13:31
މާލޭގެ ރައްޔިތުން ރަށްފުށު މީހުންނާ ބެހިގެން ނުވާނެ ކަމަށާއި މާލެ ތަރައްގީކޮށްފައި ވަނީ ރަށްފުށު މީހުން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕިއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވާ ފާރިސް މައުމޫންގެ ކެމްޕެއިން ޖަގަހައިގައި ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ، މާލޭގެ ބޭފުޅުން ކުރައްވާ ކަންތައްތަކާ ރަށްފުށު މީހުން ބެހެންވެސް ބެހޭނެ ކަމަށާއި އެއްޗެހިވެސް ކިޔާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުރަ މާލެއަކީ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއް ނޫން ކަމަށެވެ.
"އަޅުގަނޑު ކުރި ޓުވީޓަކާ ގުޅިގެން ހަމަ އެމްޑީޕީގެ މަޖިލިސް މެމްބަރަކު ޖެއްސިވިއޭ އޭ ރަށްފުށުގެ މީހުން މާލޭ މީހުންނާ ނުބެހި ބަލާށޭ. އަދި އަދަށްވެސް ޓުވީޓު އޮންނާނެ. އަޅުގަނޑު ޓެގު ކޮށްފައި އެ ޓުވީޓު ކޮށްފައި އޮންނާނެ. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އެއޮތީ ފެންނަން. މީގެ ދެމަހެއްހާ ދުވަސް ކުރިން ކޮށްފައި އޮތް ޓުވީޓެއް. ބަލަ ރަށްފުށު މީހުން މާލެ ތަރައްގީ ކުރީ. އަޅުގަނޑުމެންގެ އެއްޗެއް މި މާލެއަކީ. އަޅުގަނޑަކީ ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދުއަށް ނިސްބަތްވާ މީހެއް މާލެ އައިސް މާލޭގެ ގޮނޑިއެއް ދެ ފަހަރު މި ނެގީ،" ނިހާނު ވިދާޅުވި އެވެ.
ރާއްޖެތެރޭ މީހުން މުޒާހަރާ ކުރުމަށް ދެން މާލެ ނާދެވޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ކުރެެއްވި ޓުވީޓާ ގުޅިގެން ނިހާނު ވިދާޅުވީ އެ ޓުވީޓުގެ ސަބަބުން ރިޔާޒަށް އެތައް ދުއްތުރާތަކެއް ލިބެމުން ދިޔަ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެއް ހަމަކަން ގެނެސްދެއްވި ބޭފުޅަކީ ރައީސް މައުމޫން. މުޅި މާލެއަށް ވެސް މުޅި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއްވަރުގެ އައިޑެންޓިޓީއަކަށް ދެއްވި ރައީސަކީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް. އެކަން އެނގިވަޑައިގަންނަވާނެ. އެކަން ގަބޫލު ކުރައްވާނެ ހެއްކާއި ސާބިތު ކަމާއި އެކު. ރާއްޖެތެރޭ މި ލަފުޒު ވެސް ކަނޑާލެއްވީ ރައީސް މައުމޫން. އެގޮތަށް ސަރުކާރުގެ އެއްވެސް ލިޔުމެއްގައި ނުލިއުމަށް ވަނީ އަންގާފައި. ފަހުން އެ ބަދަލު ކުރީ އަތޮޅު ތެރެއަށް. ރިޔާޒު ކުރެއްވި ޓުވީޓަކީ ދިވެހި ރައްޔިތުން ދެކެ އޭނާ ލޯބިވާތީ ކުރި ޓުވީޓެއް،" ނިހާނު ވިދާޅުވި އެވެ.