އެއް ވަނަ ޑިވިޝަން އެމްބީއޭ ކަޕްގެ ތިން ވަނަ ސެމީ ފައިނަލްގައި ޔޫއެން ފުރެންޑްސްގެ މައްޗަށް 10 ޕޮއިންޓްގެ ތަފާތަކުން މޮޅުވެ މުބާރާތުގެ ފައިނަލްގައި ޓީރެކްސްއާ ވާދަ ކުރަންޖެހޭ ޓީމަކަށް ރެޑްލައިން ކުލަބު (އާރްއެލްސީ) ވެއްޖެ އެވެ.

ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައި ކުޅުނު މެޗުން އާރްއެލްސީ މޮޅުވީ 78 ޕޮއިންޓް 68 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ 27 ޕޮއިންޓް ހޯދި، ޔޫއެން ފްރެންޑްސްގެ އަޙްމަދު ރަޝްވާންއެވެ.

ޓީރެކްސްއިން ވަނީ ފުރަތަމަ ސެމީފައިނަލް މެޗްގައި އާރްއެލްސީ ބަލިކޮށްފައެވެ.

އާރްއެލްސީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީފައިނަލް މެޗުން ބަލިވި ނަމަވެސް ތިން ވަނަ ސެމީފައިނަލުން ފުރުސަތު ލިބުމުންނެވެ. ތިން ވަނަ ސެމީފައިނަލް މެޗުން ބަލިވި ޔޫއެން ފްރެންޑްސް ތިން ވަނަ ސެމީފައިނަލަށް ދަތުރު ކުރީ ދެވަނަ ސެމީ ފައިނަލް މެޗުން ހަރީކޭން އަތުން މޮޅުވުމުންނެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހު 29 ވަނަ ދުވަހުގެ ރޭގަ އެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަން ފައިނަލަށް ދަތުރުކޮށްފައި ވަނީ ހަރިކޭން އާއި ކޭއެސްއާރް އެވެ. ފައިނަލް މެޗް އޮންނާނީ މިއަދު ހަވީރު 4:30 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައެވެ.