ށ. އަތޮޅު ކައުންސިލް ފުނަދޫގައި ހިންގުމަށާއި ކ. އަތޮޅު ކައުންސިލް ތުލުސްދޫގައި ހިންގުމަށް ހުރަސްނޭޅުމަށް އަންގައި، އެ ދެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރުތައް އިސްތިއުނާފްކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އެ ދެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅީ އެ "އަމުރުތަކާ ގުޅޭ މައްސަލަތައް ނިންމެވުމުގައި ވަގުތީ އަމުރު ރައްދުވާ ފަރާތް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަގުތީ އަމުރާ ގުޅޭ ގޮތުން އެއްވެސް ސިފައެއްގައި ޖަވާބުދާރީވުމަށް ފުރުސަތު ލިބިދީފައި ނުވާތީ" ކަމަށެވެ.

އަދި އެ ދެރަށުގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުތައް ބިނާވެފައިވާ އަސްލު މައްސަލަތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާއާއި 128 ވަނަ މާއްދާގެ އިތުރުން 155 )ތ( މާނަކުރަން ޖެހޭ ދެ މައްސަލަ ކަމަށްވާއިރު، އެ ދެ މައްސަލައަށް ވަކި ގޮތްތަކެއް ނިންމުމުގެ ކުރިން، މައުޟޫއީ ގޮތެއްގައި ބަލަންޖެހޭ ކަންކަމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާފައިވާތީ، އެއީ މައްސަލަ ނިންމުމުގެ ކުރިން ކޯޓުން އެގޮތަށް ކަނޑައެޅުއްވޭނެ ކަމެއް ކަމަށް ނުފެންނާތީ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބަޔާނުގައި ބުނެފައި އެވެ.

"އަދި ގާނޫނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކުގައި އެކަންކަން ހައްލުކުރުމާ ބެހޭ އިޖުރާއަތުތަކެއް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެ އުސޫލުތަކަށް އަމަލުކުރުމަކީ ކައުންސިލްތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމާއި އެފަދަ ހާލަތްތަކުގައި ކައުންސިލްތަކުން އަމިއްލައަށް ގޮތް ނިންމެވުމުގެ ބަދަލުގައި ޝަރުއީ މަރުހަލާގެ ތެރެއިން ހައްލު ހޯއްދެވުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން ގައުމީ އިދާރާތަކަށް އެއްބާރުލުން ދިނުމަކީ ކައުންސިލްތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ." ބަންޑާރަ ނައިބުގެ އޮފީހުގެ ނޫސްބަޔާނުގައިވެ އެވެ.

ކުރިން އަތޮޅުވެރިކަން ކުރަމުން ދިޔަ ފުނަދޫ އޮފީހާއި ތުލުސްދޫ އޮފީހަކީ އިއްޔެއިން ފެށިގެން އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާތައް ކަމަށް ކަނޑައަޅައި، ކައުންސިލްގެ މަސައްކަތްތައް އެ އޮފީސްތަކުގައި ފެށުމާ ގުޅިގެން، އެކަންތައް ހުއްޓުވުމަށް ހޯމް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ފާއިތުވި ތިން ދުވަހު ފުލުހުން މަސައްކަތްކުރަމުން ދަނީ، ފުނަދޫއާއި ތުލުސްދޫގެ އަތޮޅު އިދާރާތަކުން ކައުންސިލަރުން ބޭރުކުރެއްވުމަށެވެ.

ނަމަވެސް، އެކަންތައްތައް ވަގުތުން ހުއްޓާލައި، ކައުންސިލަރުންގެ މަސައްކަތަށް ހުރަސްނޭޅުމަށް އެ ދެރަށުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރަފަ އެވެ. ފުނަދޫ ކޯޓުގެ އަމުރާ ގުޅިގެން، އެ އޮފީސް ހިސޯރުކޮށްގެން ތިބި ފުލުހުން އެ ސަރަހައްދުން ދުރަށް ގޮސްފައިވާ ނަމަވެސް، ފުލުހުން މިއަދު ވަނީ އަނެއްކާވެސް ތުލުސްދޫ އޮފީސް، ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް، ބަންޑާރަ ނައިބު އޮފީހުން އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުގެ ކުޑަވަގުތުކޮޅެއް ކުރިން ފުލުހުން ވަނީ ތުލުސްދޫ އޮފީސް ދޫކޮށްލައިފަ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓާ ހަސަން އަފީފް މިއަދު ވިދާޅުވީ، ކ. އަތޮޅާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނެ ތަނެއް ކަނޑައަޅާނީ ޝަރީއަތުން ކަމަށާއި ކައުންސިލްތަކަށް އަތޮޅުވެރިކަން ބަދަލުކޮށް، ބޭނުންތާކު މަސައްކަތް ކުރެއްވުމުގެ ބާރު ލިބިގެންނުވާ ކަމަށެވެ.