28 May 2015, 10:45
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓް ކުރަންޖެހޭ ވަރަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ނުކުރެވުން ކަމަށް ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި މިދިޔަ އަންގާރަ ދުވަހު ނިމިގެންދިޔަ "ހޮސްޕިޓެލިޓީ އިންވެސްޓްމަންޓް ކޮންފަރެންސް" އަށްފަހު 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ، ދުނިޔޭގެ އެއްވަނަ މަންޒިލަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި އެ މަގާމް ދެމެހެއްޓުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ރާއްޖެ އިސްތިހާރު ކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލްކުރަންޖެހޭ ކަމަށެވެ.
"ޑެސްޓިނޭޝަން މާކެޓް ކުރަންޖެހޭ ވަރަށް މާކެޓް ނުކުރެވިއްޖެނަމަ ދާންބޭނުންވާ މަންޒިލަށް ދިއުން އުނދަގޫވާނެ. ޔޫރަޕް މާކެޓް ފަދަ މާކެޓްތަކުގައި މަސްލަހަތުހުރި ގޮތުން ގޮންޖެހުންތަކެއް އެބަހުރި. އެހެންވީމަ މެދުއިރުމަތި ފަދަ ދިމަދިމާ އަށްވެސް ބޮޑަށް ފޯކަސް ކުރަން އެބަ ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ވެސް ސިޔާމް ވަނީ، ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކޮށް މާކެޓް ކުރުމަށް ސަރުކާރުން ހޭދަކުރާ މިންވަރު ދަށްވަމުންދާ ކަމަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް މާކެޓްކުރުމަށް އިސްކަމެއް ދޭން ޖެހޭ ވިދާޅުވެފައެވެ.
ސިޔާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ޓޫރިޒާމްގެ ސިނާއަތަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތަށް މިހާރު އިންވެސްޓަރުންގެ އިތުބާރު ލިބި، ރާއްޖޭގެ އަމިއްލަ ބްރޭންޑުތައް އުފެދި މުޅި ދުނިޔެއަށް ދަނީ ފުޅާވަމުންނެވެ.
ކޮލަމްބޯގެ ގޯލް ފޭސް ހޮޓަލުގައި މިމަހުގެ 25 އަދި 26 ގައި ބޭއްވި ކޮންފަރެންސްގައި ސިޔާމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަހުމަދު އަދީބު ވެސް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް، ސިޔާމްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓައި ކުރިއަށް ގެންދިއުމަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.