28 May 2015, 10:10
މަޝްހޫރު އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ރައީސް އަބްދުﷲ ޔާމީނާ ގުޅުމެއްވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ޖިނާއީ ދައުވާކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރ. އިފުރު އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމް ޝަހީދު ކޮށްލާފައިވާއިރު އެކަމުގެ މޮޅިވެރިކަން މިއަދުވެސް އެބައޮތް ކަމަށެވެ.
އަފްރާޝީމްގެ މަރާ ގުޅުވައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމް އަޅުވަމުންދާ ކަމަށާއި އެފަރާތްތަކާއި މެދު ޖިނާއީ ދައުވާ ކުރައްވާނެ ކަމަށެވެ.
"ވަރަށް ބޮޑު ބަދުނާމްތައް އަޅުގަނޑުގެ ބޮލުގައި އަޅުވަމުން އެބަދޭ، އެމީހުންނަށް ހައްގު ޖަޒާ މިސަރުކާރުން ހަމަ ލިބިގެންދާނެ. މި އިލްޒާމްތައް އަޅުވާ ފަރާތްތަކާ މެދު އަޅުގަނޑު ގަސްތުކުރަނީ ދައުވާ އުފުލަން. އަބުރުގެ ދައުވާއެއް ނޫން. ހަމަ ޖިނާއީ ދައުވާ އުފުލަން. އެދައުވާތައް ހިނގާނެ. ޝެއިހް އިމްރާގެ މައްޗަށް މިދައުވާ އަޅުގަނޑު ކުރާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކޮންމެ މައްސަލައެއް ނިންމައި އަދަބުތައް ދޭނީ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށެވެ.
އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކޮށް އެ ކުށް ސާބިތުކޮށް ނުދެވޭ ނަމަ އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މީގެ ދެ ހަފްތާކުރިން ވަނީ ވިދާޅުވެފައެވެ.
ޕީޖީ ވިދާޅުވީ، އެފަދަ ތުހުމަތެއް މީހެއްގެ ބޮލުގައި އަޅުވާކަމަށްވަންޏާ އެމީހަކު އެކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށާއި ސާބިތުކޮށް ނުދެވޭނަމަ އެފަދަ މީހުންނާމެދު ދައުވާކުރުމަށްޓަކައި ދިރާސާތައް ހަދަމުން އަންނަ ކަމަށެވެ.
އިސްލާމްދީނުގައި ހައްދުކަނޑައަޅާފައިވާ ކުށްތަކަކީ ޒިނޭކުރުމާއި މީހުން މެރުމާއި ވައްކަން ކުރުމާއި މުރުތައްދުވުމެވެ.
ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.