28 May 2015, 10:20
ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ބިނާކުރަމުން އަންނަ ފްލެޓް އިމާރާތުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އިންޑިއާގެ ބޮޑު ކުންފުންޏެއްކަމަށްވާ ޓާޓާ ހައުސިންގެ ސަބްސިޑަޔަރީ ކުންފުނި އެޕެކްސް ރިއަލިޓީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެދެ އިމާރާތް ނިންމައި، އެކުންފުނިން ހަވާލުވެފައިވާ އެހެން މަސައްކަތްތައް އަވަހަށް ފެށުމަށް ކަމަށެވެ.
އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ގޯވިންދަރު ސިންގް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތަށް ކުރިން ހުރަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓްރީ އޮފް ހައުސިން އިން މި މަޝްރޫއަށް ދޭ އެހީތެރިކަމަށް އަޅުގަނޑުމެން ޝުކުރުވެރިވަން. ދެހާސް ފަނަރަ ވަނަ އަހަރު (މި އަހަރު)ގެ ޑިސެމްބަރު މަހު މި ދެމަޝްރޫއު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާއާއި ގާކޮށީގެ މަސައްކަތް މި އަހަރު ނޮވެމްބަރު މަހު ނިމޭނެ ކަމަށް އެޕެކްސް ރިއަލިޓީ އިން ކުރިން ބުންޏެވެ. އެ ދެ އިމާރާތުން އެކުންޏަށް ލިބޭ ޖާގަ ވިއްކުމަށް ހުޅުވައިލުމަށް ފެބްރުއަރީ މަހު ބޭއްވި ރަސްމިއްޔާތެއްގައި ގޯވިންދަރު ވިދާޅުވެފައި ވަނީ އެ ދެއިމާރާތުގެ މައިގަނޑު މަސައްކަތް ނިމިފައިވާ ކަމަށާއި އެދެތަނުގެ މަސައްކަތް ނޮވެމްބަރު މަހު މުޅިން ނިންމާލެވޭނެ ކަމަށެވެ.