ހުޅުމާލޭގައި ފޯކްލިފްޓަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ، މިއަދު ހެނދުނު 7:45 އެހާކަންހާއިރު ހުޅުމާލޭގައި ޗައިނާ ފްލެޓް ސަރަހައްދުގައި ހުންނަ އަޒީޒާ މިސްކިތް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކާއި ފޯކްލިފްޓެއް ޖެހިގެންނެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ސައިކަލް ދުއްވި އަންހެނެއްގެ ފަހަތުގައި އިން ކުޑަ ކުއްޖަކަށް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މާ ސީރިއަސް އަނިޔާތަކެއް އެކުއްޖާއަކަށް ނުވޭ. ނަމަވެސް ފައިގެ އެކި ތަންތަނުން ވަނީ މަށައިގެން ގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.