ވޮޝިންޓަން (މޭ 28): އައިއެސް ޖަމާއަތުގެ ފަރާތުން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވަމުންދާ ނުރައްކާތައް ފާއިތުވި ދެހަފްތާ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، މި ނުރައްކާތަކާ ގުޅިގެން އައިއެސްގެ ޙަރަކާތްތައް ބަލައި މޮނިޓަރ ކުރުމަށް އެމެރިކާ ކުރިން ހިންގި ޕްރޮގްރާމް އަލުން މުރާޖަޢާކޮށް އައު ޕްރޮގްރާމެއް އެކުލަވާލަންޖެހޭ ކަމުގައެވެ.

އައިއެސްގެ ފަރާތުން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވަމުންދާ ނުރައްކާތައް ބަލައި ފާސްކުރުމަށް މިހާރު އަމަލުކުރަމުން ގެންދާ ޕްރޮގްރާމުގެ ބަދަލުގައި މިއަށްވުރެ ވަރުގަދަ ޕްރޮގްރާމެއް އެކަށައެޅުމުގެ ގާނޫނެއް ފާސްކުރުމުގައި ސެނެޓްގައި ކުރެވުނު މަސައްކަތްތައް ކޮޅެއްގައި ޖެހިފައެއްނުވެ އެވެ. މިކަމުގެ ސަބަބުން ކަންބޮޑުވާކަމަށް، ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަލަށް އެކަށައަޅާ ޕްރޮގްރާމަކީ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި އެމެރިކާ ސަރުކާރަށް މިހާރަށްވުރެ ބޮޑެތި ބާރުތަކެއް ލިބިދޭ ޕްރޮގްރާމަކަށް ވާންޖެހޭނެ ކަމަށާއި މިކަމާބެހޭ ގާނޫނެއް ކޮންގްރެސްއިން ފާސްކުރަންޖެހޭ ކަމުގައެވެ.

އައިއެސް އަކީ އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހަދައިގެން އެމެރިކާ ސިފައިން އެގައުމަށް އަރައި ހިންގި މީހުން މެރުމުގެ އަމަލުތަކާއި އަނިޔާވެރި ޖަރީމާތަކާ ގުޅިގެން ވީރާނާވެގެންދިޔަ އިރާގުން އުފެދިގެންދިޔަ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. ނަމަވެސް މިޖަމާއަތުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަކަށްވަނީ އެމެރިކާގެ ބަދަލުގައި އިރާގުގެ ރައްޔިތުންނާއި މުސްލިމް އެހެން ގައުމުތަކުގެ ރައްޔިތުންނެވެ. އަދި މިޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ދޭ ވައިގެ ޙަމަލާތަކުގެ ހަގީގަތާމެދު ވެސް ސުވާލުތައް އުފެދިފައި ވެއެވެ.

އައިއެސް ޖަމާއަތުގެ ފަރާތުން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވަމުންދާ ކަމަށް އެމެރިކާ ބުނާ ކަންތައްތައް ސާފުވެފައެއް ނުވެއެވެ. (ރޮއިޓާސް)