28 Feb 2011, 15:43
ޑެޕިއުޓީ ކޮމިޝަނާ މުހައްމަދު ރިޝްވާން ފުލުހުންގެ ހިދުމަތުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޑެޕިއުޓީ ކޮމިޝަނާ ސަސްޕެންޑްކޮށް ގެއަށް ފޮނުވާލީ ތުލުސްދޫ މައްސަލާގައި ހޯމް މިނިސްޓަރާ ދެމެދު ހިނގި ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.
އިތުބާރު ހުރި މައުލޫމާތު ބުނާ ގޮތުން ހޯމް މިނިސްޓަރު ހަސަން އަފީފު އެންގެވީ ތުލުސްދޫގައި ހުރި ކ. އަތޮޅު އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. ނަމަވެސް ރިޝްވާން ވިދާޅުވި ކަމަށް ވަނީ، "ކޯޓުން އަންގާތާ ފަސް މިނިޓް ތެރޭގައި ފުލުހުންގެ ބާރުގެ ދަށަށް ގެނެވިދާނެ" ކަމަށާއި ކޯޓުގެ އަމުރާ ހިލާފަށް އެކަން ކުރެވެން ނެތް ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް އެކަން ކަށަވަރެއް ނުކޮށްދެއްވި އެވެ. އޭނާ ދެންމެ ވިދާޅުވީ އެކަމާ ބެހޭ ގޮތުން އަދި ކޮމެންޓެއް ދެއްވެން ނެތް ކަމަށެވެ.
http://sun.mv/albums/l_238.jpg
ޑެޕިއުޓީ ކޮމިޝަނާއާ ފޯނުން ގުޅުމުން ވިދާޅުވީ ކޮމެންޓެއް މިވަގުތު ދެއްވަން ބޭނުން ނޫން ކަމަށެވެ. ނަމަވެސް އޭނާ އެކަން ދޮގެއް ނުކުރައްވަ އެވެ.
ހޯމް މިނިސްޓަރު ހަސަން އަފީފާ ސަން އިން ގުޅުމުން ވިދާޅުވީ "ހޯމް މިނިސްޓްރީން އޭނާ ސަސްޕެންޑެއް ނުކުރަން. ކޮމިޝަނަރާ ގުޅާލައްވާ،" ކަމަށާއި ކޮމިޝަނާ ގުޅުމަށެވެ. އެހެން ވިދާޅުވުމަށް ފަހު އަފީފު ފޯން ކަނޑުއްވާލީ އެވެ.
ކޮމިޝާނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.