ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ޖެހުނީ ވިޔަފާރިވެރިއެއްގެ އަތުން ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ފާރިސް މައުމޫންގެ މާލެ ކެމްޕެއިން ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު މިރޭ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލޯނުތައް އަދާ ކުރުމަށް ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އަތުން އެތައް މިލިއަން ޑޮލަރެއް ދައުލަތުން ނަގާފައިވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ނުކުރެވުނުނަމަ ރާއްޖެ އޮންނާނީ ކޮރަޕްޝަންގެ އިންޑެކުސްގެ އެންމެ މަތީގައި ކަމަށެވެ.

"ދުވަހަކު ވެސް މި ނަޝީދެއް މި ގައުމުގައި ދެން ވެރިކަމެއް ނުކުރާނެ. ކިތަންމެ މުޒާހަރާ ކުރިއަސް އަދި ކިތަންމެ މަޝްވަރާ ކުރަން ބޭނުން ކަމުގައި ވިއަސް މި ގައުމުގައި ވެރިކަމެއް ދެން ނަޝީދެއް ނުކުރާނެ. ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމް ނިމުނީމަ އާންމު ރައްޔިތެއްހެން މަގުމަތީގައި އުޅޭތަން. ނަމަވެސް މިނިވަންކަން މަތީގައި އޭނާ ދިރިއުޅޭހާ ދުވަހަކު ދިވެހި ރައްޔިތުންނަކަށް ހަމަޖެހުމެއް ނުލިބޭނެ. އެކަން ޔަގީން ކުރައްވާ ތިބޭފުޅުން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އައިސްފައިވާ އެންމެ ކުރިއެރުމެއް ވެސް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ އައްޑޫ އަށް އައިސްފައިވާ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބަލާލި ކަމުގައި ވިއަސް ފެންނަމުން ދަނީ ތަރައްގީ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ތެދު ހަގީގަތް. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ތަރައްގީއެއް މި ގައުމަށް ގެނެސްދިން މީހަކީ ރައީސް ޔާމީން. އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ރައީސް މައުމޫންގެ 30 އަހަރުގެ ތަރައްގީ. އެކަން އަޅުގަނޑުމެން މި ކޮންޓިނިއުސް ކުރަމުން މި ދަނީ. މި ގައުމަށް ތަރައްގީއޭ މިކިއާ އެއްޗެއް އެންމެ ފުރަތަމަ ގެނެސްދިން ބޭފުޅަކީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް. މައުމޫނާއި ރައީސް ޔާމީންއާ އެބޭފުޅުންގެ އާއިލާ. ރައީސް މައުމޫނުގެ އޭރުގެ ކެބިނެޓު އަދި ރައީސް ޔާމީންގެ މިހާރުގެ ކެބިނެޓު،" ރިޔާޒު ވިދާޅުވި އެވެ.