28 May 2015, 09:18
މި ސަރުކާރުގައި ބަޔަކަށް ނުވަތަ މީހަކަށް ދޭންޖެހިފައި އޮތް އެންމެ ދަރަންޏެއް ވެސް ނޯންނާނެ ކަމަށް އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫންގެ މާލެ ކެމްޕޭން ޖަގަހައިގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ވަގުތަކީ ދިވެހި ދައުލަތުގައި ދަރަނިތައް "ފުނި" ޖެހިފައިވާ ވަގުތެއް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރެއްވި މަސައްކަތްޕުޅަކީ ދިވެހި ދައުލަތުގައި ހުރި ދަރަނިތައް އަދާ ކުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ތެރޭގައި ހުރި މިފަދަ ވިހަ ކަންތައްތައް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން އެދަނީ ސާފު ކުރައްވަމުން. ދިވެހިރާއްޖެއަށް ފާގަތި މުސްތަގުބަލެއް ހޯދައިދެމުން. ދިވެހިރާއްޖޭގެ ޒުވާން އާބާދީގެ 35 ޕަސެންޓަށް ބޮޑުވެއްޖެ. ރައީސް ޔާމީންގެ އިގްތިސާދީ ތަޞައްވަރު ހަގީގަތުގައި ޖުމުލަކޮށް ހުރިހާ ވާހަކައެއް ކުރުކޮށް ދަންނަވާ ކަމަށްވާނަމަ އޮތީ ވަޒީފާ އުފެއްދުމާއި ވަޒީފާގެ ފުރުސަތުތަކަށް ދިވެހިން ނެރުން. ނުވަތަ ވިޔަފާރީގެ ދާއިރާއަށް ދިވެހިން ނެރުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުން ރޭޓިން ކަނޑައަޅަމުންދާއިރު ކުރިން ރާއްޖެއަށް ގެއްލިފައިވާ ފުރުސަތުތައް މިހާރު ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ މިހާރު އޮތް މިންވަރުން މައްޗަށް އަރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެފަދަ ދިވެހިންނަށް ލިބެންޖެހޭ ކުރިއެރުމާއި ތަރައްގީ ގެއްލިފައި ވަނީ ކުރީގެ ސަރުކާރުތަކުން ކުރަންޖެހޭ "ކުދިކުދި ކަންތައްތަކުން އިހުމާލުވެފައި ވުމުން" ކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަންޖެހޭ މި ދިވެހިރާއްޖެ ވެސް ސިންގަޕޫރު ފަދައިން ވާންޖެހޭ. ކީއްވެތޯ އަޅުގަނޑުމެން އުއްމީދު ނުކުރަންވީ. ކާކުތޯ ކޮންބޭފުޅެއްތޯ އެކަމަށް ބޭނުން ނުވާނީ. ރައީސް ޔާމީން އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ބުރިޖު އެޅުމުގެ މަސައްކަތަށް އިިދިކޮޅު ފަރާތްތަކުން ގިނަ ފާޑު ކިއުންތަކެއް އަމާޒު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ ފާޑު ކިއުންތައް ކަޑައްތު ކުރުމަށްފަހު ދިވެހިންނަށް އެ ހަގީގަތް މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.