މިޒަމާނުގެ ވެއްޓާ އެއްގޮތަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ދަނީ ބަދަލުވަމުން ކަމަށާއި، ފަސް އަހަރުތެރޭގައި ޒަމާނާއި އެގޮތަށް އިމިގްރޭޝަން ބަދަލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން އިންސުއަރަންސް ސްކީމް ތައާރަފް ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ސައީދު ވިދާޅުވީ އިމިގްރޭޝަނަކީ ތަރައްގީވެފައިވާ، ބިއުރޮކްރަސީގެ ސަގާފަތަކުން ދުރަށް ޖެހި މިޒަމާނުގެ ވިޔަފާރީގެ ވެއްޓަށް ބަދުލުވާންޖެހޭ މުއައްސަސާއެއް ކަމަށެވެ.

ރައީސް ޔާމީން ގެ މުޅި އިގްތިސާދީ ތަސައްވަރު ބިނާވެފައި އޮތީ ރާއްޖޭގެ ވަޒީފާގެ ބާޒާރު މުއްސަނދި ކުރަން ކަމަށް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމާއި ބިދޭސީ މަސައްކަތްތެރިންނަށް ފުރިހަމަ ވެއްޓެއް ގާއިމް ކޮށްދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ލޭބާ ފޯސް އިތުރުވެ އެކި މައްސަލަތައް ފުނި ޖެހިފައި ހުރި އިރު ބިދޭސީ މަސައްކަތުގެ މީހުންނަށް މި ސްކީމްގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ްމޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ ބިދޭސީންނަށް ހާއްސަކޮށް ތައާރަފް ކުރި އިންޝުއަރެންސް ސްކީމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.