ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ފިހިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓުގައި ހުންނަ ޕެޓްރޯލާއި ޓީސަލް ރައްކާކުރާ ތެޔޮ ޓޭކުތައް ސާފު ކުރަމުން ދަނިކޮށެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުން ވަނީ ކުޑަހުވަދޫގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަލިފާން ރޯވި ކަމަށް ބުނާ ތެޔޮ ޓޭކުތައް ހުރި ސަރަހައްދު-- ސަން ފޮޓޯ

ކުޑަހުވަދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއިލް ޝަރީފް "ސަން"އަށް ވިދާޅުވީ ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފިހުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެ މީހާގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހިފައިވާ ކަމަށް އިސްމާއިލް ޝަރީފް ވިދާޅުވި އެވެ. އޭނާގެ އަތާއި ފައި ފިހި، މޫނުމައްޗަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އިސްލާއިލް ޝަރީފް ވިދާޅުވި އެވެ.

އެ ހާދިސާގައި ފިހުނު އަނެއް ދެ މީހުގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ފައިގެ ކަށިގަނޑެއްގައި ރެނދުލުމުން، ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ހަތަރު މީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުންނެއް ނޫނެވެ. އެ މީހުންނަކީ އެ ރަށަށް ތެޔޮ ފޯރުކޮށްދޭ "ތެޔޮ ބާޖުގައި" މަސައްކަތް ކުރާ ބަޔެކެވެ.