ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން އިންޝުއަރަންސް ސްކީމެއް ތަޢާރަފްކޮށް، އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ތިން އިދާރާއެއްގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމެޓެޑާއެކު އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު އެވެ.

އެ ޕްލޭންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދީ ހަރުދަނާ ގޮތެއްގައި ބިދޭސީންގެ ކަންކަން މެނޭޖްކުރެވިގެން ދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އަލަށް ތައާރަފް ކުރެވުނު އިންސުއަރަންސް ޕްލޭންގެ ދަށުން 100،000 ރުފިޔާގެ އިންޕޭޝަންޓް ކަވަރޭޖެއް ފޯރުކޮށްދިނުމާއި އިންޝުއާ ކުރެވޭ ކޮންމެ ފަރާތަކަށް އިންޝުއަރަންސް ކާޑެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެކާޑްގެ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި އެދުމަތި ކުރެވުނު ކަމުގައިވިއަސް ފައިސާ ދެއްކުމެއް ނެތި ފަރުވާ ލިބިގެންދާނެ އެވެ.

އޭގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި މެމޯ ހެއްދުމަށް 2،000 ރުފިޔާގެ އިންޝްއަރެންސް ޕެކޭޖެއް އަދި މަސައްކަތުގައި އުޅެނިކޮށް ދާއިމީ ގޮތަކަށް ހަށިގަނޑަށް ގެއްލުމެއްވެއްޖެނަމަ ފަރުވާ ކުރުމަށް 50،000 ރުފިޔާގެ ޕެކޭޖެއް މިރޭ ތައާރަފު ކުރި ސްކީމްގައި ހިމެނެ އެވެ.

އެ ޕްލޭން ތައާރަފް ކޮށްފައި ވަނީ މާލެއަށް ނައިސް ބިދޭސީންނަށް ސިއްހީ ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާ ގޮތަށެވެ. އަދި ބިދޭސީއަކު މަރުވެއްޖެނަމަ ހަށިގަނޑު އެ މީހެއްގެ ގައުމަށް ފޮނުވާ ދިނުމުގެ ޚިދުމަތް އާއިލާއިން ބޭނުންވާނަމަ ޑެތުބެނިފިޓްސްގެ ގޮތުގައި -/30،000 ރުފިޔާގެ އިންޝުއަރަންސް ޕްލޭންގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ޕްލޭންގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ މިރޭ ތަޢާރަފް ކުރި އިންޝުއަރަންސް ޕްލާނަކީ، ރާއްޖޭއަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދީ ވަޒީފާ ދޭފަރާތްތަކާއި އާންމު ފަރުދުންނަށް ބިދޭސީންގެ ފަރާތުން އަދި އާންމު ފަރުދުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކޮށް ހަރުދަނާ ގޮތެއްގައި ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒް ކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.