އުރީދޫ މޯލްޑިވްސްގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް، ވަރަށް ހާއްސަ ރިވޯޑް ސްކީމެއް ކަމަށްވާ "އުރީދޫ ކްލަބް ޕްރީމިއާ" ތައާރަފުކޮށްފި އެވެ.ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫ ކްލަބް ޕްރީމިއާ ސްކީމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު އެވެ.

ކްލަބް ޕްރިމިއާގެ ކާޑު މެދުވެރިކޮށް އުރީދޫ އިން ވަނީ ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކާއި ގުޅިގެން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކާއި ޑިސްކައުންޓުތައް ފޯރުކޮށްދީފަ އެވެ. އެގޮތުން ބައިނަލް އަގުވާމީ ފެންވަރުގައި ދުނިޔޭގެ އެތައް ގައުމުތަކެއްގައި އުރީދޫ ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ލިބޭނެ އެވެ.

އުރީދޫ ކްލަބް ޕްރީމިއާގެ މެންބަރުންނަށް ލިންކްސާވް، ލެކިއުޓް، ޝެލްބީންސް އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެތައް ބްރޭންޑްތަކަކުން ހުރިހާ އައިޓަމްތަކުން ވެސް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އައި އެ ބްރޭންޑްތަކުން ހިލޭ މެންބާޝިޕް، ރިވާޑް ބެނެފިޓްސް އަދި ކުރާ ކޮންމެ ވިޔަފާރިއަކާއެކު ލޯޔަލްޓީ ޕޮއިންޓްސް ލިބުން ފަދަ އިނާޔަތްތައް ލިބޭނެ އެވެ.

އުރީދޫ އިން މިރޭ ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭގެ އިތުރުން އުރީދޫ ކްލަބް ޕްރީމިއާގެ މެންބަރުންނަށް ލިބިގެންދާ ޕްރަޔޯރިޓީ ޕާސް މެދިވެރިކޮށް ދުނިޔޭގެ 120 ގައުމެއްގެ 400 ސިޓީއަށްވުރެ ގިނަ ހިސާބުތަކުގައިވާ އެއާޕޯޓް ބިޒްނަސް ލައުންޖްތަކުން ހިދުމަތް ލިބޭނެ އެވެ. ކޮންމެ އެއާލައިނެއްގެ ކޮންމެ ކްލާހަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 700 އަށްވުރެ ގިނަ ބިޒްނަސް ލައުންޖްތަކަށް ހިލޭ ވަދެވި އެތަނުން ފޯރުކޮށްދޭ ކެއުން، އިންޓަނެޓް އަދި އެހެނިހެން ހިދުމަތްތައް ބޭނުންކުރެވޭނެ އެވެ.

ކްލަބް ޕްރީމިއާ މެންބަރުންނަށް އުރީދޫގެ ހިދުމަތްތައް ބޭނުންކުރުމުގައި ވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. އެގޮތުން އުރީދޫ އިން ފުރިހަމަ ކަސްޓަމާ ކެއާ ސާވިސްއެއް ފޯރުކޮށްދިނުމަށް ކޮންމެ ޕްރީމިއާ މެންބަރަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ "ރިލޭޝަންޝިޕް މެނޭޖާ" އެއް އައްޔަންކޮށްފައި ހުންނާނެ އެވެ. އަދި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމްކޮށްފަ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ކްލަބް ޕްރީމިއާ އަކީ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.