27 May 2015, 21:51
ސަން ޓްރެވެލްސް އެންޑް ޓްވާސަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި "ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް"ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
މިއަދު ހެދުނު 11:00 މިރޭ 8:30 އަށް ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި އެ ރިސޯޓުގެ 110 މުވައްޒަފަކު ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނެ އެވެ.

ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އިން މިއަދު ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ލޭ ނަގާފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސްގެ ޓީމަކުންނެވެ. އެ ޕްރޮގްރާމަށްފަހު ސަންއާ ވާހަކަފުޅު ދައްކަވަމުން އިރުފުށީގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އަހްމަދު ރިފާއު ވިދާޅުވީ ލޭ ހަދިޔާ ކުރުން ފަދަ ކަންކަމަކީ އިންސާނިއްޔަތައްޓަކައި ކޮންމެހެން ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަން ސިޔާމް ގްރޫޕުން ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ޕްރޮގްރާމްތަކަށް ތަރުހީބުދޭނެ ކަމަށެވެ.
"މިއީ އިންސާނިއްޔަތައްޓަކައި ވަރަށް މުހިންމު ކަމެއް. ކުރިއަށް އޮތްތަނުގައި ވެސް މިކަހަލަ ޕްރޮގްރާމްތަކަށް އަޅުގަނޑުމެން ތަރުހީބުދޭނެ ކަމުގެ ޔަގީންކަން އަރުވަން. މިފުރުސަތުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން،" ރިފާއު ވިދާޅުވި އެވެ.

ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އަހްމަދު ރިފާއު ސަން އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އިވެންޓް އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީގެ މެންބަރު އައްޒަ ހަމީދު ވިދާޅުވީ ވަރަށް އަވަހަށް ވިލުރީފް ބީޗް އެންޑް ސްޕާގައި ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން އޮޅުވެލި ބީޗް އެންޑް ސްޕާ އާއި ދަ ސަން ސިޔާމް ގްރޫޕްގެ ހެޑް އޮފީހުން ވެސް ވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ.