ކ. ތުލުސްދޫ ރައްޔިތުންނާ ދެކޮޅަށް ފުލުހުން ބޭނުންކޮށްގެން ސަރުކާރުން ހިންގާ ފަދަ އަމަލުތައް ތަކުރާރުވަމުންދާ ނަމަ، އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަށް ރައީސް ނަޝީދު ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ހުރަސްއަޅުއްވައިފާނެ ކަމުގެ އިޝާރާތެއް ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީވަހީދު ދެއްވައިފި އެވެ.

ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި، ތުލުސްދޫގައި ފުލުހުން ހިންގާ ހަރަކާތްތައް ކުށްވެރިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ވެސް މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް އެތައްކަމެއް ހިންގަމުން ގެންދާއިރު، ރައީސް ނަޝީދު ހުށަހަޅުއްވާ ރިޔާސީބަޔާން އަޑުއައްސަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ޖަލްސާގައި، ރައީސް ނަޝީދުގެ ރިޔާސީ ބަޔާނަށް ވުރެ ބޮޑަށް އިވިގެންދާނީ ރައްޔިތުންގެ ހާލު އަންގައިދޭ ބަޔާނެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދެކޮޅަށް، ރައްޔިތުންނާ ދެކޮޅަށް އެފަދަ ކަންތައްތައް ކުރަމުންދާއިރު ރައީސްގެ ރިޔާސީ ބަޔާން އަޑުއަހާކަށް ބޭނުމެއްނޫން. ރިޔާސީ ބަޔާނުގެ ބަދަލުގައި އެ ދުވަހު އިވިގެންދާނީ ރައްޔިތުންގެ ހާލު އަންގައިދޭ ބަޔާނެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާގައި ބޮޑަށް އިވިގެންދިއުން ގާތީ މެންބަރުންގެ ފަރާތުން ރައްޔިތުންގެ ހާލު އަންގައިދޭ ފަދަ ބަޔާނެއް ކަމަށެވެ.

ތުލުސްދޫ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދާއި ރޮޒެއިނާ ވެސް ވިދާޅުވީ، ހޯމް މިނިސްޓަރުގެ އަމުރަށް އެ ރަށުގައި އިއްޔެ އާއި މިއަދު ފުލުހުން ހިންގާފައިވާ އަމަލުތަކަކީ ގާނޫނާ ހިލާފް އަމަލުތަކެއް ކަމަށެވެ. އަދި ތުލުސްދޫގައި ފުލުހުން ހިންގި އަމަލުތައް މޮނިޓާ ކުރަމުންދާ ކަމަށާއި، އެކަން ބަލައި ފިޔަވަޅުއަޅަން ޖެހޭ ފަރާތްތަކެއްވާ ނަމަ މަސްލަހަތަށް ބަލައި ފިޔަވަޅު އެޅުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ތުލުސްދޫގައި ހުރި ކ. އަތޮޅު ކަލުންސިލް އިދާރާއަށް ވަދެގަތް ފުލުހުން އެސަރަހައްދުން ދުރަށް ދިޔައީ، އެ އިމާރާތުގައި ކައުންސެލަރުންގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފުލުހުންނަށް ހުރަސްނޭޅެ ކަމަށް ނެރުނު ކޯޓު އަމުރަށް ފުލުހުން ކިޔަމަންނުވާ މައްސަލަ ކައުންސިލަރުން ޕީޖީ އޮފީހަށް ހުށަހެޅުމަށް ނިންމެވުމުން ކަމަށެވެ.