13 Apr 2010, 11:48
14:30
ސ. ގަމުން ނައްޓާލަން އުޅުނު މޯލްޑިވިއަންގެ ފްލައިޓެއްގައި އިން އުމުރުން ދުވަސްވީ މީހެއް ކުއްލި ގޮތަކަށް މަރުވެގެން، ބޯޓް މަޑުކޮށް، އެ މީހާ ބާލައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ހާދިސާގައި މަރުވެފައި ވަނީ ހިތަދޫ، ބަހާރީގޭ އުމުރުން 76 އަހަރުގެ އަލިމަނިކު ކަމަށާއި އޭނާ އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގައިން ވަރުދެރަވާތީ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާ ޗެކްކޮށް ބެލިބެލުމުން އޭނާގެ ހަށިގަނޑުގައި ނިއުމޯނިއާ ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.
ހިތަދޫ ހޮސްޕިޓަލުން އިތުރަށް ބުނީ މަދަނައިގެ ދަށުން އިތުރަށް ފަރުވާދިނުމަށް ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އޭނާ ވީއެންމެ އަވަހަކަށް މާލެ ފޮނުވައިގެން ފަރުވާދިނުމަށް ހަމަޖެއްސީ ކަމަށާއި އަދި މާލެ ގެނައުމުގެ ކުރިން ޑޮކްޓަރުން އޭނާގެ ލެއާއި ވިންދު ބަލާފައިވާ ކަމަށާއި އޭރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.
އޭނާ މަރުވީ ފްލައިޓަށް އެރުވުމަށްފަހު ވިންދު ދަށްވެގެން ބެލިއިރު ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.