ޓީވީއެމްގައި ޕްރޮގްރާމް ހުށަހެޅުމާއި، ޓީވީއެމްގެ ހަބަރު ކިޔުއްވި ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ފާތިމަތު ރިޒާ މިއަދު އަވަހާރަވެއްޖެ އެވެ.

ފާތިމަތު ރިޒާ އަވަހާރަވިއިރު، ކެންސަރުގެ އާލާސްކަންފުޅަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުންދާތާ ގާތްގަނޑަކަށް ފަސް އަހަރު ވެދާނެ އެވެ.

އެންމެ ފުރަތަމަ ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ތިން މީހުންގެ ތެރޭގައި ފާތިމަތު ރިޒާ ހިމެނެ އެވެ. އޭނާ އަކީ 1980ގެ އަހަރުތަކުގައި ޓީވީއެމްގެ އެންމެ މަގުބޫލް އެއް ޕްރެޒެންޓަރެވެ. ދިވެހި ހަބަރުގެ އިތުރުން އިނގިރޭސި ބަހުން ވެސް އޭނާ ގެންދެވީ ހަބަރު ކިއުއްވަމުންނެވެ. އޭނާ ހަބަރު ޕްރެޒެންޓްކުރެއްވުން ހުއްޓަވާލެއްވީ 1990ގެ އަހަރުތަކުގެ ކުރީކޮޅު އެވެ.

ފާތިމަތު ރިޒާގެ ކުރީގެ ފިރިކަލުން އަދި ހަތަރު ކުދިންގެ ބައްޕަ ފުުވާދު ތަވްފީގު ފާތިމަތު ރިޒާ ސިފަކޮށްފައި ވަނީ ހިތްވަރު ގަދަ، އަޒުމް ވަރުގަދަ އަދި ވިސްނުން ތޫނު މަސައްކަތް ތެރި ބޭކަނބަލެއްގެ ގޮތުގަ އެވެ. ފާތިމަތު ރިޒާ އަވަހާރަ ވުމާއި ގުޅިގެން 'ސަން' އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފުވާދު ތައުފީގު ވިދާޅުވީ އޭނާގެ ކުރީގެ އަންހެނުންނަކީ ލަވައާއި މިއުޒިކަށް ލޯބިކުރައްވާ، މުނިފޫހިފިލުވުމަށް ލޯބި ކުރެއްވި ބޭކަނބަލެއް ކަމަށެވެ.

ފުއާދު ތައުފީގާއި ކައިވެނިބައްލަވައިގެން 18 އަހަރު ފާތިމަތު ރިޒާ އުޅުއްވި އެވެ. އެ ކައިވެންޏަށް ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެއް ލިބުނެވެ.

އަވަހާރަވީ އިރު ފާތިމަތު ރިޒާ ކައިވެނި ބައްލަވައިގެން އުޅުއްވީ ރާއްޖޭގެ މަޝްހޫރު ލިއުންތެރިއެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދާ އެވެ.