ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝަފާޤު (ދަގަނޑޭ) ކުޅުނު މެލޭޝިއާ ޓީމާ ދެކޮޅަށް ކުޅުނު އިނގިރޭސިވިލާތުގެ ޕްރިމިއާ ލީގް ޓޮޓަންހަމް ހޮސްޕާ 2-1 އިން މޮޅުވެއްޖެއެވެ.

މިމެޗްގައި ފެނިގެން ދިޔަ ތިން ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުތެރޭގައެވެ. ޓޮޓަންހަމްގެ ދެލަނޑުވެސް ކާމިޔާބުކުރީ އިނގިރޭސި ވިލާތުގެ ގައުމީ ޓީމްގެ ފޯވަޑް ހެރީ ކޭންއެވެ.

މެޗްގެ ފުރަތަމަ ލަނޑު ހެރީ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައެވެ.

ޓޮޓަންހަމްގެ ފްރާންސްގެ ގައުމީ ޓީމްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއާއި ދަނގަޑޭ މެޗް ފެށުމުގެ ކުރިން ސަލާމް ކުރަނީ --- ފޮޓޯ/ މޮލްޑިވްސްކޯ

މިލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން މެލޭޝިއާގެ ޓެރިންގަނޫ އެފްއޭއަށް ކުޅެމުންދާ ބްރަޒިލްގެ ފޯވަޑް ޕައުލޯ ރޭންގަލް ވަނީ މެލޭޝިއާ ޓީމުން އުފެއްދި ހަމަލާއެއްގައި ގޯލަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ބޯޅަ ގޯލަށް ފޮނުވާލި އިރު އޭނާ ހުރީ އޮފްސައިޑްގައެވެ.

މެލޭޝިއާ ޓީމުން ނަތީޖަ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ޓޮޓަންހަމްގެ މިޑްފީލްޑާ ޑެނީ ރޯޒް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ޑެނީ ރޯޒް އަތުން ބައިކޮޅަށް ބޯޅަ ވަނީ މެލޭޝިއާ ޓީމަށް ލިބުނު ހިލޭޖުން ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރިއިރު އެބޯޅައަށް އަރާތިބި މެލޭޝިއާގެ ކުޅުންތެރިންގެ ތެރެއިން އެޓީމްގެ ބްރަޒިލްގެ ތިއޯގޯ ޖުނީނިއޯ ކުރިއަށް ފޮނުވާލަން އުޅުނު އިރު، ޑެނީ އެބޯޅަ ބޮލުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

މެލޭޝިއާގެ ޓީމްގައި ހިމެނިގެން ޓޮޓަންހަމްއާ ދެކޮޅާށް ކުޅެނު މެޗްގެ ކުރިން ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އޭނާގެ ކަނާތުން ޓޮޓަންހަމް އާއި އިނގިރޭސި ގައުމީ ޓީމްގެ ފޯވަޑް ހެރީ ކޭން އަދި އޭނާގެ ވާތުން ޓޮޓަންހަމްގެ ފްރާންސްގެ ގައުމީ ޓީމްގެ ގޯލްކީޕާރު ހޫގޯ ލޮރިސް ފޮޓޯ އަކަށް ހުއްޓިގެން --- ފޮޓޯ/ މޯލްޑިވްސް ސޮކާ

ނަމަވެސް މިލަނޑު ޖެހިކަމަށް ދަނޑުގައި ހުރި ސައުންޑް ސިސްޓަމުން އިއުލާން ކޮށްފައި ވަނީ ޖުނީނިއޯގެ ނަމެވެ.

ކޭން ގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މެޗްގެ 43 ވަނަ މިނެޓްގައެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުން ގެންދާ ދަގަނޑޭ ވަނީ މިމެޗްގައި ފުލުކޮށް ކުޅެފައެވެ. އޭނާ ވަނީ ބައެއް ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ.

ދަގަނޑޭއަށް މިމެޗްގައި ކުޅެން ފުރުސަތު ލިބުމުން އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އިނގިރޭސި ވިލާތުގެ ބާކްލީސް ޕްރިމިއާ ލީގްގެ ކުލަބަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ.

ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެލޭޝިއާގެ ޓީމުން ދަގަނޑޭއަށް ފުރުސަތު ލިބުނީ އެ ގައުމުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިން ހިމެނުމަށް މެލޭޝިއާގެ އެފްއޭއިން ހުއްދަ ދިނުމުންނެވެ.

މެލޭޝިއާ ލީގުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކަށް ޓީމްގައި ހިމެނުމަށް ނިންމީ އެ ގައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން މި މެޗްގައި ނުކުޅެވުމުންނެވެ.