ރާއްޖޭގެ ފަތުރުވެރިކަން ގައުމުތަކުން ބަލައިގަންނަނީ މިސާލެއްގެ ގޮތުގައި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ތިނަކުން ފަހަކަށް ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ކޮންފަރެންސާ ބެހޭ ގޮތުން މިނިސްޓަރު އަދީބު ވިދާޅުވީ ރާއްޖޭ ފަތުރުވެރިކަމުގައި ހޯދާފައިވާ ކާމިޔާބަށް ބަލާފަ އެހެން ގައުމުތަކުން ރާއްޖެއާ ބެހޭ މައުލޫމާތު ހޯދައި ކަމަށާއި ރާއްޖޭގެ މިސާލުން އެ ގައުމުތައް ފިލާވަޅު ލިބިގަންނަން ބޭނުންވާ ކަމަށެވެ.

"ޓުއަރިޒަމްގެ ދާއިރާ އިން ބަލާފިއްޔާ ރާއްޖޭގެ މޮޑެލް އާއި ރާއްޖޭގެ ވާހަކަތައް ހިއްސާކޮށްލުމަކީ ބޭރުގެ އިންވެސްޓަރުންނާއި ގައުމުތަކުން ވަަރަށް ބޭނުންވާ ކަމެއް" އަދީބު ވިދާޅުވިއެވެ.

"ދިވެހި ރާއްޖެ އަނެއްކާވެސް އިންޓަނޭޝަނަލް ކޮންފަރެންސް ލެވެލްގައި ރާއްޖޭގެ މުހިއްމު ކަމާއި ރާއްޖޭގެ މަގުބޫލުކަން ފާޅުވެގެންދާނެ ކޮންފަރެންސެއް،"

މި ކޮންފަރެންސްގައި ދެކުނު އޭޝިއާ، އިރުމަތީ އޭޝިއާ އަދި ޕެސިފިިކް ސަރަހައްދުގެ ވިހި ގައުމަކުން ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުން ބައިވެރިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމެއް އޮންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ފައިދާ އެއްމެނަށް ފޯރުކޮށްދިނުމާއި ބެހޭ ގޮތުން މަޝްވަރާކުުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަތުރުވެރިކަމާ ބެހޭ އދގެ ޖަމްއިއްޔާ ޔޫއެންޑަބްލިއުޓީއޯ ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އައިސްފާވާ އިޖްތިމާއީ އަދި އިގްތިސާދީ ތަަރައްގީގެ ނާރެހަކީ ފަތުރުވެރިކަން ކަމަށް އަދީބު ވިދާޅުވިއެވެ. މަސްވެރިކަން ކުރާ ގައުމަކުން ރާއްޖޭއަށް މިއަދު އައިސްފާވާ ތަރައްގީ އަކީ ފަތުރުވެރިކަމުގެ ނަފާއިން ލިބުނު ތަރައްގީ ކަމަށާއި ސަރުކާރުން ހިންގާ މަޝްރޫއުތައް ވެސް ހިންގަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީން ކަމަށް އަދީބު ވިދާޅުވިއެވެ.

އެހެންގައުމުތަކުގައި ބޮޑެތި ހުރިހާ ހޮޓާތަކެއްގެ ވެރިންގެ ގޮތުގައި ތިބެނީ ބޭރު މީހުން ކަމަށާއި ނަމަވެސް ރާއްޖޭގެ ރިސޯޓްތަކުގެ ވެރިންގެ ގޮތުގައި ތިބި ދިވެހިން ގިނަ ކަމަށް އަދީބު ވިދާޅުވިއެވެ.

އެ ކޮންފަރެންސްގައި ވިޒިޓް މޯލްޑިވްސް އިޔާ އިފްތިތާހްކުރުން އޮންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ. ސަރުކާރުން ކަނޑައަޅާފާ ވަނީ އަންނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތްކުުރުމުގެ އަހަރުގެ ގޮތުގަ އެވެ.

ސުނާމީ އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އިޔާދަ ކުރުމަށް ޔޫއެންޑަބްލިއުޓީއޯގެ އެހީތެރިކަން ވަނީ ލިބިފަ އެވެ.