ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އިނގިރޭސި ވިލާތުގެ ބާކްލީސް ޕްރިމިއާ ލީގްގެ ކުލަބަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ދިވެހި ކުޅުންތެރިޔަކަށް ރައްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) ވެއްޖެ އެވެ.

ދަގަނޑޭއަށް އެ ޝަރަފް ލިބިފައި ވަނީ މިހާރު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޝާހުއަލަމް ސްޓޭޑީއަމްގައި މެލޭޝިއާއި ހޮވާލެވުނު ޓީމާއި ޕްރިމިއާ ލީގްގެ ކުލަބު ޓޮޓަންހަމް ހޮސްޕާއާ ދެކޮޅަށް ކުޅެމުންދާ މެޗްގައި ކުޅުމުގެ ފުރުސަތު ދަނގަޑޭއަށް ލިބުމުންނެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުން ގެންދާ ދަގަނޑޭ ވަނީ މި މެޗްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުމެފަ އެވެ.

ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެލޭޝިއާގެ ޓީމުން ދަގަނޑޭއަށް ފުރުސަތު ލިބުނީ އެ ގައުމުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިން ހިމެނުމަށް މެލޭޝިއާގެ އެފްއޭއިން ހުއްދަ ދިނުމުންނެވެ.

މެލޭޝިއާ ލީގުގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކަށް ޓީމްގައި ހިމެނުމަށް ނިންމީ އެ ގައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން މި މެޗްގައި ނުކުޅެވޭނެތީ އެވެ.

ދަގަނޑޭ މެލޭޝިއާގެ ޓީމުގައި ހިމެނި ސަބަބާބެހޭ ގޮތުން މެލޭޝިއާގެ ޓީމްގެ ކޯޗް އަދި މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި ދަގަނޑޭއަށް ކޯޗް ކޮށްދިން ދެލާހް ޞެލާހް މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދަގަނޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަގަނޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.