ކޮންމެ އަހަރެއްގެ ރަމަޟާން މަހު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވާތީ މުދާ އުފުލާ އުޅަނދު ފަހަރު ވަކި ގަޑިތަކެއްގައި ބާޒާރުމަތީ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

ރަމަޟާން މަހު ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ކުރާނެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ވެރިޔާ ސަބް އިންސްޕެކްޓަރު މުޙައްމަދު ދާއޫދު ވިދާޅުވީ މުދާ އުފުލާ އުޅަނދު ފަހަރު ބާޒާރު ސަރަހައްދަށް ވަނުން މަނާވާނީ މެންދުރުފަހު 13.30 އިން ފެށިގެން އިރުއޮއްސި 18.30 އަށް ކަމަށެވެ.

"...އެހެންކަމުން މިސަރަހައްދުގެ ފިހާރަތަކުން މުދާ އަރުވާ ބޭލުމުގެ މަސައްކަތް ހެނދުނާއި ރޭގަނޑުގެ ގަޑިތަކުގައި ކުރެއްވުމަށާއި މިކަމުގައި ހުރިހާ ބެފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ދަންނަވަން،" މުޙައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓްރެފިކް އިތުރަށް ބާރު ބޮޑުވާ ނަމަ މުދާ އުފުލާ އުޅަނދުތަކުގެ އިތުރުން ހަތަރު ފުރޮޅުލީ އެހެން އުޅަނދު ފަހަރުވެސް އެސަރަހައްދަށް ވަނުން މަނާކުރާނެ ކަމަށެވެ.

ރޯދަމަހު ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކްގެ ކަންތައްތައް ބަލަހައްޓަން ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާއި ހިސާބަށެވެ. އަދި މަސްމާރުކޭޓުގެ ދެކުނުން އޮންނަ ކަނޑި ދޮންމަނިކު ގޯޅި އާއި ހަވީރި ހިނގުން ހުސޭނީ ގޯޅިން ފެށިގެން ފާރުކެނޑި ހިނގުމާއި ގުޅޭހިސާބަށް ވެސް އެގޮތަށް ބަލަހައްޓާނެއެވެ.