ޖަލަށް ވަޑައިގަތުމުގެ ސަބަބުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް އިމްރާން ބަންދުން ދޫކޮށްލުމާ އެކު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ޑިމާންޑު ކުރި އެއްކަންތައް މިހާރު މިވަނީ ހާސިލްވެފައި ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު ޖަލަށް މިދިޔަ ބޭފުޅުންގެ ސަބަބުން ހަގީގަތުގައި އަޅުގަނޑުމެން އެންމެ ބޮޑަށް ޑިމާންޑު ކުރި އެއްކަންތައް ހާސިލުވެގެން މިދިޔައީ. ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް މިޖެހުނީ ހަގީގަތުގައި މޭ 1ގެ މުޒާހަރާގެ ރައްޔިތުންގެ އެ ބޮޑު އަދަދުގެ ސަބަބުން. ގިނަ ރައްޔިތުންތަކެއް އެއްވެ ގިނަ ރައްޔިތުން އެކަމަށް ޑިމާންޑުކުރުމުން ނަތީޖާއަކަށްވެފައި މިވަނީ ސަރުކާރުން ރައްޔިތުންނާ އެކު މަޝްވަރާކުރަން ޖެހިފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން މިއަދު ދޫކޮށްލުމުން ދޫނިދޫން ވަޑައިގެން އިދިކޮޅު ފަރާތްތަކާ ސަލާން ކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ތިބީ ސަރުކާރާ އެކު މަޝްވަރާކުރަން ތައްޔާރަށް ކަމަށާއި މަޝްވަރާގެ ބޭނުން އެންމެ ހެޔޮގޮތުގައި ސަރުކާރުން ބޭނުންކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އެހެންވީމާ ސަރުކާރުގެ އިޚްލާސްތެރިކަން އޮވެގެން ރަނގަޅު ނިޔަތުގައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށްފި ކަމަށްވާ ނަމަ ގައުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް އަޅުގަނޑުމެން ހަމަޔަގީނުން ވެސް ގުޅިފައިވާ ޕާޓީތަކުން މިތިބީ ވަރަށް ވެސް ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް" މިނަމުގައި ހިންގި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަކީ އެއްބައިވަންތަ ބަޔަކަށް ވެގެންގޮސްފައިވާ ކަމަށާއި، އެއްބައިވަންތަކަމުގެ މަތީ ތިބެގެން ޑިމޮކްރެޓިކް ނިޒާމު ވަރުގަދަކޮށް ސިޔާސީ މަސްރަހު ރަނގަޅުކޮށް ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން އިމްރާން ހައްޔަރުކުރީ މޭޑޭ މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން މަފުފަހިވާ ގޮތަށް ވާހަކަ ފުޅުދެއްކެވި ކަމުގެ ތުހުމަތުގަ އެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ ހަމަނުޖެހުން ހިންގުމަށާއި އަދި އެއްވެސް މީހަކަށް ބިރުދައްކައި އަނިޔާކުރުމަށް އޭނާ ގޮވާލާފައިނުވާނެ ކަމަށެވެ.

"ހަމަނުޖެހުމެއް ހިންގުމަކަށް، ބިރުވެރިކަމަކަށް، އެއްވެސް މީހަކަށް ގެއްލުން ދިނުމަށް އަޅުގަނޑު ހިތްވަރެއް އެއްވެސް އިރެއްގައި ދީފައެއް ނޯންނާނެ. އަޅުގަނޑަކީ އަބަދުވެސް ސުލްހަވެރިކަމަށް ގޮވާލާ މީހެއް. ރައްޔިތުންނަށް އަމާންކަމާއި މަސްލަހަތާ ހަމަޖެހުން ގާއިމްކުރުމަށް ވާހަކަދައްކާ މީހެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.