27 May 2015, 17:52
މި އަހަރު ނިމުމުގެ ކުރިން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ރިސޯޓް މުއައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާ ވިއްކުމުގެ މޮޑެލް އެއް މިއަހަރު ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސާއި ބެހޭ ގޮތުން ވެލާނާގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ ޕީޕީއެމް މެނިފެސްޓޯގާވާ ގޮތަށް ހިއްސާވިއްކުމަށް ޕޮލިސީތައް އެކުލަވާލަމުންދާ ކަަމަށް އަދީބު ވިދާޅުވި އެވެ.
"ސަރުކާރު ހިއްސާވާ ވަަރަށް ގިނަ ރިސޯޓްތައް އެބަ ހުރި އަދި މިހާތަނަށް އުފެދެމުން ވެސް މި ދަނީ. އެ ހުރިހާ ހިއްސާ ޕަބްލިކްގައި އެލޮކޭޓް ކުުރުމަށް މޮޑެލް އެއް އެކުލަވާލުމުން މިދަނީ،" އަދީބު ވިދާޅުވި އެވެ.
ހިއްސާ ވިއްކަން ފަށާއިރު އެކަށީގެންވާ ދިރާސާ ހެދިގެން ކުރެވޭ ކަންކަމަށްވާން ޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ފަރުވޭތެރިކަމާއެކު މިކަން ނުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"ހިއްސާ އަކީ ލޯގްޓާމް ފައިދާ ކުރާނެ އެއްޗަކަށް ވާންޖެހޭ" އަދީބު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ހިއްސާވިއްކުމަކީ ކުރެވިދާނެ ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ. އަދި މިކަން ކުރުމަށް ޕްރައިވެޓް ސެކްޓާ އަށް މަޖުބޫރުނުކުރެވޭނެ ކަަމަށާއި އެހެން ނަމަވެސް ސަރުކާރުން މިކަން ފެށުމާއި އަމިއްލަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސިންގަޕޫރު މިސާލުދައްކަމުން މިނިސްޓަރު ވިދާޅުވީ ސިންގަޕޫރުގައި ވެސް ހިއްސާވިއްކަން ފެށީ ސަރުކާރުގެ އިސްނެގުމުގެ މަތިން ކަަމަށާއި ނަަމަވެސް މިހާރު އަމިއްލަފަރާތްތަކުން ބައިވެރިވާ ކަމަށެވެ.