ސިންގަޕޫރު އެއާލައިންގެ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި އޮއްވައި ދެ އިންޖީނު ހުއްޓުނު މައްސަލަ އެ އާލައިނުން ބަލަން ފަށައިފި އެވެ.

ސިންގަޕޫރު އެއާލައިންނާ ހަވާލާދީ ސީއެންއެން އިން މިއަދު ބުނީ 182 މީހުންނާ އެކު ދަތުރު ކުރި ސިންގަޕޫރު އެއާލައިންގެ އެއާބަސް އޭ 330- 300 މަރުކާގެ މަތިންދާ ބޯޓު ކޮޅިގަނޑެއްގެ ތެރެއިން ދަތުރު ކުރަނިކޮށް ދެ އިންޖީނު ހުއްޓުނު ކަމަށެވެ.

ސިންގަޕޫރު އެއާލައިންގެ ތަރުޖަމާނަކާ ހަވާލާދީ ސީއެންއެން އިން ބުނީ ހޮނިހިރު ދުވަހު ސިންގަޕޫރުން ފުރައިގެން ޝަންހާއީ އަށް ދަތުރު ކުރި ފްލައިޓް، އެސްކިޔު 836 އަށް މޫސުން ގޯސްވެ، ދެ އިންޖީނު ވަގުތު ކޮޅަކަށް ހުއްޓުނީ 39،000 ފޫޓު މަތިން އުދުހެނިކޮށް، އަދި ފުރިތާ ތިން ގަޑި ބައި އިރު ފަހުން ކަމަށެވެ.

"ދެ އިންޖީނު ކުއްލި އަކަށް ހުއްޓުނީ އަދި ޕައިލެޓް އޮޕަރޭޝަނަލް ޕްރެސީޖާ ފޮލޯކޮށް އަލުން އިންޖީނު ސްޓާޓް ކުރީ. އަދި ފްލައިޓް ހުއްޓުމެއް ނެތި ގޮސް ޝަންހާއީ އަށް ޖެއްސީ." ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވީ ބޯޓު ޝަންހާއީގައި ޖެއްސުމާ އެކު ދެ އިންޖީނު ވަރަށް ރަނގަޅަށް އިންސްޕެކްޓް ކުރި ކަމަށާއި ނަމަވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް ނުފެނު ކަމަށެވެ.

ފްލައިޓްގެ ރާޑަރާ ހަވާލާދީ ސީއެންއެން އިން ބުނީ ބޯޓުގެ ދެ އިންޖީނު ހުއްޓުމާ އެކު 39،000 ފޫޓު މަތީން އުދުހެމުން ދިޔަ ބޯޓު 13،000 ފޫޓް ތިރިއަށް ވެއްޓުނު ކަމަށާއި ބޯޓު އަލުން އޮޕަރޭޝަނަށް ގެނެވުނީ އެހާ ހިސާބުން ކަމަށެވެ.

އެއާލައިނުން ބުނީ އެއީ ކިހިނެއް ހިނގި ކަމެއްތޯ ބެލުމަށް އިންޖީނު އުފެއްދި ރޯލްސް ރޯއިސް އާއި އެއާބަސް ކުންފުންޏާ އެކު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު 182 ފަސިންޖަރުންނާއި 12 ފަޅުވެރިން ބޯޓުގައި ތިއްބެވެ.