ޕެރިސް : ތޫނިސްގެ ރިވޮލިއުޝަނާ ދެކޮޅަށް ބިންޢަލީގެ ޙިމާޔަތުގައި ފަރަންސޭސި ޚާރިޖީ ވަޒީރާ މިޝޭލް އިލްޔޮޓް މޭރީ ގެންގުޅުއްވި ސިޔާސަތުތަކަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވުމުގެ ގޮތުން މޭރީ، ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ ވާޖިބު އަދާކުރުމުގައި ގޯހެއް ހައްދަވާފައިނުވާނެ ކަމަށާ އެހެންނަމަވެސް މަޤާމުން އިސްތިއުފާ ދެއްވީ ކަމުގައެވެ.

މޭރީ އަށް ފާޑުކިޔުން ކުރިމަތިވީ ތޫނިސްގެ ރައްޔިތުން އެޤައުމުގެ ޑިކްޓޭޓަރ ޒައިނުލްޢާބިދީން ބިންޢަލީއާ ދެކޮޅަށް ތެދުވުމުން ބިންޢަލީގެ ޙިމާޔަތުގައި ފަރަންސޭސި ފުލުހުން ތޫނިސްއަށް ފޮނުވުމަށް ގޮވާލެއްވުމުންނެވެ.

މީގެއިތުރުން ލީބިޔާގައި ގައްޒާފީއާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ނުކުތުމުން ގައްޒާފީގެ ބާރުތަކުން ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް ފަރަންސޭސި ޚާރިޖިއްޔާއިން ބަޔާނެއް ނެރުނީވެސް ވަގުތު ފާއިތުވެ ގައްޒާފީ ވެއްޓޭނެކަން ޔަގީންވާ ހިސާބަށް ދިޔުމުންނެވެ.

ޢަރަބި ޑިކްޓޭޓަރުންނާ ދެކޮޅަށް ޢަރަބި ރައްޔިތުން ތެދުވަމުންދާ މައްސަލާގައި މޭރީ ގެންގުޅުއްވި ސިޔާސަތުތަކާ ގުޅިގެން ފަރަންސޭސިވިލާތުގެ އެތެރޭގައި އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވެފައެވެ.

ގޯސްތައް ހެދުމުގެ ސަބަބުންނާއި އެކިއެކި ފަޟީޙަތްތަކުގެ ސަބަބުން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާ މަސްއޫލުވެރިން އަމިއްލައަށް މަޤާމުން އިސްތިއުފާދެއްވުމުގެ ޘަޤާފަތަކީ ޔޫރަޕްގެ ޑިމޮކްރަސީތަކުގައި އޮންނަ ޘަޤާފަތެކެވެ.
ފަރަންސޭސި އާ ޚާރިޖީ ވަޒީރަކަށް ޢައްޔަން ކުރެވޭނެ ކަމަށް ބެލެވިފައިވަނީ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އުމުރުން 66 އަހަރުގެ އެލަން ޖުޕޭއެވެ. ޢުމުރުފުޅުން 64 އަހަރުގެ މޭރީ ޚާރިޖީ ވަޒީރުކަމުގައި ހޭދަކުރެއްވީ އެންމެ ތިންމަސްދުވަހުއެވެ. -- އޭއެޕްޕީ