27 May 2015, 17:29
ރާއްޖޭގައި ބިދޭސީންނަށް ވިޔަފާރި ނުކުރެވޭ ތިން ދާއިރާއެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފޮޓޯ ގްރަފީއާއި އެކަމާއި ގުޅުން ހުރި މަސައްކަތްތަކާއި ސުވެނިއާ އުފައްދައި ވިއްކުން އަދި އެއާ ގުޅުން ހުރި ވިޔަފާރިތަކުގެ އިތުރުން ކަސްޓަމްސް ސަރަހައްދުގައި ބޮންޑަޑް ވެއާހައުސް ހިންގުން ބިދޭސީ ވިޔަފާރިތަކަށް ފުރުސަތުު ލިބިގެން ނުދެއެވެ.
ޕެސެންޖާ ޓްރާންސްފާ ސާވިސް އާއި ވޯޓާ ސްޕޯސް އާއި ގުޅުންހުރި ދާއިރާތަކުގައި ބިދޭސީންނަށް ހަރަކާތްތެރިވެވެނީ އެންމެ މަދުވެގެން 51 ޕަސެންޓް ނުވަތަ 100 ޕަސެންޓް ދިވެއްސަކު ހިއްސާވާ ކުންފުއްޏެއްގެ ވިޔަފާރިއެއް ނަމަ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ، ކުރިއަށްއޮތްތަނުގައިވެސް ދިވެހިންނަށް ކުރިއަށްދެވޭ ދާއިރާ ތަކުން ހަމައެކަނި ދިވެހިންނަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ އުންމީދަކީ އެތައް ބައިވަރު ކުދި ވިޔަފާރިތަކެއް، ހަމައެއާއެކު މެދުފަންތީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ބެލިޔަސް ހުރިހާ ފަރާތްތަކަށްވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ މިގޮތްގޮތަށް ބައްޓަން ކުރެވިގެންދިޔައީމަ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރު ކުރުމުގެ ގޮތުން މީގެ ކުރިން ވަނީ ވިޔަފާރިތަކުގެ ކައުންޓަރުތަކުގައި ކޭޝިއަރުންގެ ގޮތުގައި ދިވެހިން ނޫން ފަރާތްތަކަށް ނުތިބެވޭގޮތަށް ހަމަޖައްސާފައެވެ.