މައްސަލަ ޖެހުނު "ލައިފް ފެން" އުފެއްދުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑު ޑުރަގު އޮތޯރިޓީ (އެފްޑީއޭ)އިން ދީފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލައިފް ފެނުގައި މައްސަލަތަކެއް ހުރި ކަމަށް އެ އޮތޯރިޓީއަށް ޝަކުވާ ލިބުމާ ގުޅިގެން ކުރެވުނު އިންސްޕެކްޝަންތަކުންނާއި ކުރެވުނު ދިރާސާތަކުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކޮށްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން މީގެކުރިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ލައިފް ފެނުގައި ބޯފެނުގައި ހުރުން އެކަށީގެންނުވާ ވަހާއި ކުނޑި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ލައިފް ފެނަކީ އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި އުފައްދައިގެން ގިނަ އަދަދަކަށް ބާޒާރުގައި ވިއްކަމުންދާ ފެނެކެވެ.

އެ ކުންފުނިން ބުނީ ލައިފް ފެން ބާޒާރަށް ނެރެފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކުރުމަށްފަހު ކަމަށެވެ.

އެ ކުންފުނިން ބުނީ ލައިފް ބްރޭންޑުގެ ކޮންމެ ބެޗެއް ވެސް ވިއްކުމަށް ނެރެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކޮށް އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން އެ ލޮބޯޓަރީން ލިޔުމުން ދިނުމުން ކަމަށެވެ.