27 May 2015, 16:54
ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) އަކީ ކާކު ކަން ނޭނގޭ މީހަކު ރާއްޖެއަކު ނުހުންނާނެއެވެ. މިއަދު މުޅި ގައުމުގެ މީޑިއާތަކާ އިޖުތިމާއީ ވިއުގަތަކުގައި އެނބުރެމުން ދަނީ ދަނގަޑޭގެ ވާހަކައެވެ. އެފްބީ އާއީ ޓްވިޓާގެ އިތުރުން ވައިބާ ގުރޫޕްތަކުގައިވެސް ވައި ހިއްޕާލަފައިވަނީ ދަނގަޑޭގެ ވާހަކައެވެ.
ގައުމުގެ އެންމެ ކަމުވޮށިގެންވާ ފަރާތްތަކުން ފެށިގެން އެންމެ އާދައިގެ މީހާ ވެސް އެދެމުން ދަނީ މިއަދު ދަނގަޑޭ ކުޅޭ މެޗްގައި އޭނާއަށް ކާމިޔާބަށެވެ. ސިޔާސީ ފަރާތްކާއި އިޖުތިމާއީ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތައްވެސް އެދެނީ ދނގަޑޭއަށް ކާމިޔާބަށެވެ. ވަކިވަކި ފަރުދުންނާ މުއައްސަސާތައް ވެސް މެއެވެ.
ދަނގަޑޭ އަކީ އެންމެ ކުޑައިރުން ސުރެވެސް ފުޓްބޯޅަ ކުޅުމަށް ޝައުޤުވެރިވާ ކުއްޖެކެވެ. ދަނގަޑޭ މަޝްހޫރު ވުމުގެ ކުރިން އޭނާގެ ކުޅުން އެންމެ ފުރަތަމަ ފާހަގަވީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަޖީދިއްޔާ ސްކޫލްގެ ފުޓްބޯޅަ ޓީމުންނެވެ. ދަނގަޑޭއަކީ އޭރު މަޖީދިއްޔާގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަނެވެ.
އެއަށްފަހު ދަނގަޑޭ އާއި ދިމާލަށް ލޯހުއްޓުނީ ކުލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ ފޯވަޑު ލައިންގައި އޭރު ކުޅެމުން ދިޔައީ ރާއްޖޭގެ އޭރު އެންމެ ހުނަރު ވެރި ފޯވަޑުންނެވެ. ކުރީގެ އެއް ނަންބަރު ކުޅުންތެރިޔާ ޢަލީ ޝިހާމް ނުވަތަ މަޝްހޫރު ހުރާ އައްޔައާއި ޢަލީ އުމަރެވެ. އަޝްފާގު ޓީމާ ގުޅުމުން ތިން 'އައްޔަ' އާއިއެކު ވެލެންސިއާގެ ފޯވަޑް ލައިން ހުއްޓުވުމަށް އޭރު ރާއްޖޭގެ ހުރިހާ ޓީމެއްގެ ޑިފެންސް ލައިންއަށް ކުރެވުނު ކަމެއް ނެތެވެ. ދަނގަޑޭގެ ވިދުން ދިޔައީ ގަދަ ވަމުންނެވެ.
ރާއްޖެއިން ބޭރަށް ދާން ލިބުނު ފުރުސަތު ތައް
ދަނގަޑޭ ރާއްޖެއިން ބޭރުގައި ކުޅޭނީ މިއަދަކު ނޫނެވެ. މިހާރަށް ވުރެ މާކުރިން ސުރެ ދަނގަޑޭއަށް ރާއްޖެއިން ބޭރަށް ދާން ފުރުސަތު ލިބުނެވެ. މިހާރު ކުޅޭ މެލޭޝިއާއަށް ވުރެ މާދުރަށް ދާން ފުރުސަތު ލިބުނެވެ. ރާއްޖޭގެ ޤައުމި ޓީމްގެ ކުރީގެ ކޯޗް ޕޯޗްގަލްގެ މެނައުލް ގޯމޭޒް ޕޯޗްގަލްގެ ބެންފީކާގެ ޓްރެއިނިންގ ޕްރޮގްރާމެއްގައި ދިއުމަށް ދަނގަޑޭއަށް ފުރުސަތު ލިބުނެވެ. އޭނާ އެފުރުސަތު ބޭނުން ނުކުރީ ކީއްވެގެންތޯ މިހާރުވެސް ގިނަ ބަޔަކު ސުވާލު އުފައްދަނީ އެކަމަށް ދެރަވާ ހާލުގައެވެ. އޭނާގެ އެންމެ ޒުވާން ދުވަސް ވަރު މިފަދަ ފުރުސަތެއް ލިބުނު އިރު އެފުރުސަތު ބޭނުން ކުރިނަމަ އޭނާ މިއަދު ހުރީހީ މިހާރަށްވުރެވެސް މަތީގައެވެ.
ދަނގަޑޭ ވަނީ 2007 ވަނަ އަހަރު ބުރުނާއީގެ ޑީޕީއެމްއެމް އެފްސީއަށް ކުޅެން ފުރުސަތު ލިބިފައެވެ. ރާއްޖޭ ފުޓްބޯޅަ މުބާރާތުގެ އޮފްސީޒަންގައި ލިބުނު ފުރުސަތުގައި އެޓީމްގައި ކުޅުނު ތިން މެޗްގައިވެސް ދަނގަޑޭ ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ. އަދި މެލޭޝިއާ ލީގުގައި މިހާރު ދެކެވޭ ފަދައިން އޭރުވެސް ދަގަނޑޭގެ ވާހަކަ ދެކެވުނެވެ. ފަހުން ދަނގަޑޭއަށް ދާއިމީ އެއްބަސްވުމެއް ހުށަހަޅާ ވާހަކަވެސް ދެކެވުނެވެ.
މެލޭޝިއާގެ ޕީޑިއާރްއެމްއާއި މިދިޔަ އަހަރު ދަނގަޑޭ ގުޅުނު އިރު އެ ކްލަބަކީ ދެވަނަ ޑިވިޜަން ކުލަބެކެވެ. ނަމަވެސް އެކުލަބު ފުރަތަމަ ޑިވިސަނަށް ގެންގޮސް ދިނުމުގައި ދަނގަޑޭގެ ހިއްސާ ބޮޑެވެ. އެސީޒަންގައި މެލޭޝިއާގައި ކުޅެމުން ގެންދާ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް އޭނާ ހޯދިއެވެ.
މިއަދަކީ އަނެއްކާވެސް އަޝްފާޤާއެއި އެކު ރާއްޖޭގެ ފުޓްބޯޅަ ތާރީޚްގެ ތެރެއަށް ގެންދާނެ ދުވަހެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ އިނގިރޭސި ވިލާތުގެ އެންމެ މަތީ ފަންތީގެ ކުލަބު ތަކުގެ ތެރޭގައި ހިމެނޭ ޓޮޓަންހަމް ހޮޓްސްޕާއާ ދެކޮޅަށް ދަނގަޑޭ ކުޅެމުންގެންދާ މެލޭޝިއާގެ ލީގުން ހޮވާލެވޭ ކުޅުންތެރިންގެ ޓީމްގައި ކުޅެނެ ދުވަހެވެ.
ސިޔަސީ ގޮތުން ކަފިކަފި ވެފައިވާއިރުވެސް އެންމެ އެއް ޚިޔާލަކަށް ގެނެސް ދެނީ ދަނގަޑޭ
Good luck our national legend@AliAshfaq07for today's MalaysiaXI vs Tottenham match!
— Maumoon Abdul Gayoom (@maumoonagayoom)May 27, 2015
މިދުވަސް ކޮޅަކީ ރާއްޖޭގެ ސިޔާސީ ޖައްވުގައި ވާދަވެރިކަމާއި ޚިޔާލު ތަފާތުވުން އުފެދިފައިވާ ދުވަސްވަރެކެވެ. ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ދެމީހަކުވެސް އެއް ހިޔަލަކަށް މިއަދު ގެނެސްދިނީ ދަނގަޑޭއެވެ. ސިޔާސީ ގޮތުން އިދިކޮޅަށް އެއްކޮޅަސް އެންމެވެސް އެދެނީ ދަނގަޑޭއަށް ކާމިޔަބު ލިބުމަށެވެ. ސިޔާސީ ގޮތުން ވަކިވަކި ވެފައިވާ ހިތްތައް އެއް އަމާޒަކަށް ގެނެސްދޭ އެއްކަމަކީ މިއަދު ޓޮޓަންހަމްއާ ދޮކޮޅަށް ދަނގަޑޭ ކުޅޭ މެޗެވެ. ގައުމު ހުރިހައި ހިސާބަކުން ހުރިހާ ރަށަކުން އެދެނީ ދަނގަޑޭއަށް މިއަދުގެ މެޗްގައި ކާމިޔާބު ލިބުމެވެ. މިއީ އެންމެގެވެސް ދުޢާއެވެ.