ޅ. ނައިފަރު ފަޅު ފުން ކުރުމާއި، ބަނދަރުގެ ބޭރުތޮށި ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން ------- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 21.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެގޮތުން ކުރީގެ ބަނދަރާއި ފަހުން ހަދާފައިވާ ބަނދަރު އެއްކޮށް ގާތްގަނޑަކަށް 400 މީޓަރުގެ، ބޮޑު ހިލައިގެ ތޮށިގަނޑެއް ހަދައި ދެ ބަނދަރު އެކީގައި ބޭނުންކުރެވޭ ގޮތަށް ހަދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން ------- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ މާގިނަ ދުވަސްތަކެއް ނުވެ ބަނދަރުގެ މަސައްކަތް ފަށައި، ރައްޔިތުން ބޭނުންވާ ފަދަ ފެންވަރު ރަނގަޅު ޒަމާނީ ބަނދަރަކަށް ނައިފަރު ބަނދަރު ހަދާނެ ކަމަށެވެ. އަދި މިހާރުވެސް ނައިފަރުގެ އިޖުތިމާއީ ތަރައްގީއަށް އެމްޓީސީސީން ގިނަ މަސައްތަކެއް ކޮށްފައިވާކަން ހަލީމް ފާހަގަކުރެއްވި އެވެ.

ނައިފަރަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަރައްގީގެ ގިނަ މަޝްރޫތައް ހިންގަން ނިންމާފައިވާ ރަށެކެވެ.