27 May 2015, 16:03
ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭގޮތަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ބަންދުން ދޫކޮށްލަން ކްރިމިނަކް ކޯޓުން އަމުރުކޮށްފި އެވެ.
އިމްރާން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހަޒިރުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވާއިރު މީގެ ކުރިން 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އިމްރާން ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އަމުރުކޮށްފައި ވަނީ ފުލުހުންގެ ބަންދުން އިމްރާން ގޭ ބަންދަށް ބަދަލު ކުރުމަށެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގައި 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އިމްރާން ބެހެއްޓުމަށް އަމުރުކޮށްފައި އޮތްއޮތުން ބާތިލްކޮށް އެ އަމުރުގައިވާ މުއްދަތަަށް އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރާ ކަމަށެވެ.
އިމްރާނުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 10 ދުވަސް އިތުރުކޮށްފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.
އެމައްސަލައާ ގުޅިގެން ހައިކޯޓުން ހުކުމްއިއްވައި ނިމުމާއެކު އިމްރާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކޮށްފައި ވަނީ އިމްރާން ބަންދުން ދޫކޮށްލުމަށާއި، ނަމަވެސް ރާއްޖޭން ބޭރުގެ އެއްވެސް ގައުމަކަށް ފުރައިގެން ނުދެވޭނެ ކަމަށެވެ.