ކުއްލި ހާލަތްތަކުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން، ގައުމުތަކަށް ފޯރުކޮށްދޭ އެހީ ދިނުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މެމްބަރު ގައުމުތަކުން މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މަޝްވަރާތައްކޮށްފައި ވަނީ މި މަހުގެ 18އިން 26 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ 68 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގައި ކަމަށެވެ. އެ އެސެމްބްލީގައި މަޝްވަރާކޮށް އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ، 2016 އިން 2017އަށް ކަނޑައަޅާ ބަޖެޓް ފާސްކުރުން ހިމެނެ އެވެ. އަދި މެންބަރު ގައުމުތަކުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އެކު މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާއި އެހީދޭ ފަރާތްތަކާއެކު މަސައްކަތްކުރެވޭނެ އުސޫލުތައް ކަނޑައެޅުމާއި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއިބެހޭ ހާއްސަ ނިންމުންތަކާއި ކުއްލި ހާލަތްތަކުގައި މެމްބަރު ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އެހީ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މެމްބަރު ގައުމުތަކުން އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ޖެނީވާގައި ކުރިއަށްދިޔަ 68 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުން: ފޮޓޯ--ހެލްތު މިނިސްޓްރީ

މީގެ އިތުރުން، މިފަހަރުގެ އެސެމްބްލީގައި ސިއްހީ މާހިރުން ތަޖުރިބާ ހިއްސާކުރި ދާއިރާތަކުގެ ތެރޭގައި މިއަހަރުގެ ފަހުން ބައިނަލްއަގުވާމީ ތަރައްގީގެ ލަނޑުދަނޑިތަކާއި ގައިންގައަށް ނާރާބަލިތައް ކޮންޓްރޯލްކުރުމާއި ބެހޭގޮތުން އދ. ގައި ކުރާ މަޝްވަރާތަކާ މޫސުމަށް އަންނަ ބަދަލުތަކާއެކު ސިއްހަތަށް ކުރާ އަސަރާބެހޭ މައުލޫމާތާއި އެބޯލާބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ނޭޕާލަށް އައި ބިންހެލުމާއި ގުޅިގެން ސިއްހީ ދާއިރާއިން ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

އެ ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިޔާގެ 11 ގައުމުގެ ފަރާތުން، ރާއްޖެއިން ވަނީ ތަފާތު ހުށަހެޅުންތައް އެސެމްބްލީއަށް ހިއްސާ ކޮށްފައިވެ އެވެ. އަދި ސިއްހަތާއި ގުޅޭ 15 ދާއިރާއަކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކާއި ދެކުނުއިރުމަތީ އޭޝިއާގެ ގައުމު ތަކާއެކު އިތުރު 11 ދާއިރާއަކަށް ސަރަހައްދީ ފެންވަރުގެ ހުށައެޅުންތައް ހިއްސާކޮށްފައިވެ އެވެ.

އެބައްދަލުވުމުގެ ހަވާސާގައި ޕާކިސްތާން، މެލޭޝިއާ، އިންޑިޔާ، ބަންގްލަދޭޝް، ސްރީލަންކާ، ތައިލެންޑް އަދި އިންޑޮނޭޝިއާ އާއި އެކު ރާއްޖޭގެ ވަފްދުން މަޝްވަރާ ބައްދަލުވުންތައް ބާއްވާ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރެވިދާނެ ދާއިރާތަކާމެދު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

އެ ބައްދުލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 192 މެމްބަރު ގައުމުގެ ސިއްހަތާއިގުޅޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި ސިއްހީ މަޝްރޫއުތަކަށް އެހީދޭފަރާތްތަކާ އދ.ގެ ޖަމިއްޔާތަކާއި ސިއްހަތާއިގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ސިއްހަތާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.

ވޯލްޑް ހެލްތު އެސެމްބްލީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސިއްހަތާއިގުޅޭ މުހިންމު ނިންމުންތައް ނިންމާ އެއްމެމަތީ ބައްދަލުވުމެވެ.

މިއެސެމްބްލީ ނިމުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މާގަރެޓް ޗޭން ވިދާޅުވި ގޮތުގައި އެ އެސެމްބްލީގައި މެމްބަރު ގައުމުތަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަސައްކަތް ހަރުދަނާ ކުރުމަށް ލަފާދީ ބައިނަލް އަގުވާމީ ފެންވަރެއްގައި ސިއްހަތާއިގުޅޭ މުހިންމު ނިންމުންތަކެއް ނިންމައިފައިވާ ކަމަށެވެ.

އިއްޔެ ނިމުނު ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކެޓްރީ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ސާމިޔާ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޖެނިފާގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ފަރާތުން ގީލާ އަލީ އެވެ.