27 May 2015, 20:09
ބަޣްދާދު (މޭ 27): އައިއެސް ޖަމާއަތުގެ އަތްދަށަށްދިޔަ އިރާގުގެ ރަމާދީ ސިޓީ މިނިވަން ކުރުމަށް އިރާގު ސިފައިން ފުޅާދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި އެވެ.
އިރާގުގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާ ގޮތުން އިރާގު ސިފައިންނާއި އިރާގު ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މިލީޝިޔާ ތަކަށް ނިސްބަތްވާ އެތަށް ހާސް ހަނގުރާމަވެރިންނާއެކު އިރާގު ސިފައިންގެ ބޮޑު ލަޝްކަރެއް އިއްޔެ ވަނީ ރަމާދީ މިނިވަން ކުރުމުގެ އޮޕަރޭޝަން ފަށާފަ އެވެ. ރަމާދީ މިނިވަން ކުރުމުގެ އޮޕަރޭޝަން ކުރިޔަށްދާ ކަމަށް އިރާގުގެ މީޑިޔާ ބުނި ނަމަވެސް އިރާގުގެ ދިފާއީ ވުޒާރާއިން ވެސް އަދި އިރާގުގެ ސިފައިން ވެސް މި އޮޕަރޭޝަނާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި އަދި ބަޔާނެއް ދީފައެއް ނުވެއެވެ.
އިރާގުގެ ހުޅަނގުގެ ބޮޑު ގަވާނޭޓް އެއްކަމަށްވާ އަލްއަންބާރުގެ ވެރިރަށް ރަމާދީ މީގެ ދެ ހަފްތާ ކުރިން އައިއެސް ޖަމާއަތުގެ އަތް ދަށަށް ދިޔުމާއެކު އިރާގުގެ މަސްއޫލުވެރިންނަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންފަ އެވެ. ރަމާދީ އަތްދަށުލުމުގެ ފުރްސަތު އައިއެސް އަށް ލިބުނީ އެ ރަށް ދިފާޢު ކުރަމުން ގެންދިޔަ އިރާގު ސިފައިން ކުއްލި ގޮތަކަށް އެމީހުންގެ މަރުކަޒުތަކުން ފޭބުމާ ގުޅިގެންނެވެ.
އިރާގު ސިފައިން އެ މީހުންގެ މަރުކަޒުތަކުން ފޭބި ސަބަބު އަދިވެސް ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. އިރާގު ސިފައިންގެ މި އަމަލާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރުވަނީ އައިއެސް އާ ކުރިމަތިލުމުގައި އިރާގު ސިފައިން ގަސްދުގައި ފަރުވާކުޑަކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އިރާގުން ވަނީ މިކަން ދޮގުކޮށްފައެވެ.
އައިއެސް އަކީ އެ ޖަމާއަތުގެ އަތްދަށުގައި ޖެހޭ ރަށްތަކާއި ވިލެޖްތަކުގެ އާންމުން އެއްވެސް ހައްގަކާނުލައި އަނިޔާވެރި ގޮތްގޮތަށް މަރައި ތަންތަން ލޫޓުވައި އާޘާރީ ތަންތަން ގަސްދުގައި ހަލާކުކުރުމުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފާޅުގައި ހިންގަމުން ގެންދާ ޖަމާއަތެކެވެ. އެހެންކަމުން އެ ޖަމާއަތުގެ އަތްދަށަށް އިރާގުގެ ބޮޑު ސިޓީއެއް ދިޔުމަކީ އިރާގުގެ ދައުލަތަށާއި ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ ސިފަކުރައްވާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަމާދީ މިނިވަން ކުރުމުގެ ހަނގުރާމަ މިފަހަރު އިރާގު ސިފައިން ފަށާފައި ވަނީ ތިކްރީތުގެ އުތުރާއި ސާމައްރާ ގެ ދެކުނާއި އަލްހައްބާނިއްޔާގެ އަސްކަރީ ބޭސް ބޭނުންކޮށްގެން ވަރަށް ފުޅާދާއިރާއެއްގަ އެވެ.
އެ ތިން ސަރަހައްދުން އިރާގު ސިފައިންނާއި ރައްޔިތުންގެ މިލީޝިޔާތައް ކުރިޔަށްދަނީ އިރުމައްޗާއި އުތުރާ އަދި ދެކުނުން ގޮސް ރަމާދީ ވަށާލައި އެރަށް ހިސާރު ކުރުމަށެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުއަލްއަބާދީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ރަމާދީ ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)