ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ އަލުން މިރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެމްއާރުއެމް އުފެއްދުމަށްޓަކައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން އުޅުނު ޖަލްސާއަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ އަދަދަށް 300 މީހުން ހަމަނުވުމުން ނުބޭއްވުނު އެ ޖަލްސާ ބާއްވާނީ މިރޭ 9:00 ޖަހާއިރު ދަރުބާރުގެ ރަންނަބަޑޭރި މާލަމުގައި ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަކުރުމަށް ރާވަން ޖެހޭ ހުރިހާ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ ލިޔެކިޔުންތައް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓީވީންނާއި ރޭޑިޔޯ އިން އިއުލާން ގޮވައިހަދަމުން މި އަންނަނީ. އަދި އާންމު މެންބަރުންނަށް ވެސް އަންގާފައި އޮންނާނީ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެންމެ ފަހުން އެ ޕާޓީން ބޭއްވި ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވެ ޖަލްސާ ނުބޭއްވުމުން ޑރ. މުނައްވަރު ވަނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒިފުން އެ ޖަލްސާއަށް ގޮސްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެހެން ޕާޓީތައް އުފެއްދުމުގެ ޖަލްސާތަކަށް ނުދާކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނަމަވެސް އިލެކްޝަންސް އިން ބުނެފައި ވަނީ އެމްއާރުއެމް އުފެއްދުމުގެ ޖަލްސާއަށް އެ ޕާޓީގެ މުވައްޒިފުން ދިޔައީ އެޖަލްސާގެ ކަންތައްތައް ދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ކަމަށާއި މީގެ ކުރިން ވެސް ޕާޓީތަކުގެ ޖަލްސާތައް އިލެކްޝަނުން އޮބްޒާވް ކުރައްވާ ކަމަށެވެ.