‏ދިވެހި ދައުލަތް މިއަދު ދިފާޢުކުރަން ‏‏ޖެހިފައި މިވަނީ، ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ޢަދާވާތްތެރިންގެ ފަރާތުން ނޫން ކަމަށާއި ދިވެހިންގެ ތެރޭގައި އޮތް ސިޔާސީ ހަލަބޮލި ކަމުން ވެސް ގައުމު ދިފާއު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ‏‏ޑިފެންސް ފޯސްގެ ޑިފެންސް އިންޓިޓިއުޓް ފޮ ޓްރޭނިންގް އެންޑް އެޑިޔުކޭޝަންގެ ފަރާތުން ‏‏ހިންގި 61 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި ބަޑި ‏‏ހަވާލުކުރުމަށް ޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ‏‏ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ސިފައިންނަކީ ގާނޫނީ ހުވާގެ މަތީގައި ދެމިތިބޭ، ‏‏ސަފުތައް ބަދަހިކުރުމަށް ‏‏މަސައްކަތްކުރާ، ދިވެހި ދަޢުލަތަކަށް ދިމާވާ ‏‏ކޮންމެ ނުރައްކަލަކަށް ކުރިމަތިލާން ކެރޭ ބަޔަކަށް ‏‏ވާން ޖެހޭ ކަމަށެވެ.

ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

އަދި ދިވެހި ސިފައިންނަކީ ދިވެހި ‏‏ދައުލަތް ޙިމާޔަތް ‏‏ކުރުމުގައި، ދެ ވަނަ ފުރުޞަތަކަށް ސުވާލު އުފެއްދުމަށް ‏‏ޖާގަދޭ ބަޔަކަށް ވެގެންނުވާނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އަމާނާތްތެރިކަމާއެކީ‏ ‏އޯޑަރުތަކަށް ތަބާވާ ބަޔަކަށް ވުމަށް ދިވެހި ސިފައިންނަށް އިލްތިމާސްކުރައްވާފައި އެވެ.

‏‏ރައީސް ވިދާޅުވީ، އަސްކަރިއްޔާ އަށް ޚިދުމަތްކުރުމަށް ވުރެ ‏މަތިވެރި ‏‏ވަރުގަދަ މަސައްކަތެއް، ގުރްބާނީއެއް ނުވަތަ ޝަރަފްވެރި މަގާމެއްވެސް ދިވެހި ދައުލަތަކު ‏‏‏ނޯންނާނެ ކަމަށެވެ. ‏އަދި ސިފައިންގެ ޚިދުމަތާ ގުޅެނީ، ‏‏ދިވެހި ‏ދައުލަތް ‏‏ދިފާޢުކުރުމަށާއި ‏ޙިމާޔަތް ‏‏ކުރުމަށާއި އިސްލާމްދީން ނެގެހެއްޓުމަށާއި ދިވެހި ރާއްޖޭގެ ‏‏‏ގާނޫނު އަސާސީ ދެމެހެއްޓުމުގެ އިތުރުން، ގާނޫނީ ‏‏ސަރުކާރަށް ރައްކާތެރިކަން ދިނުމަށް ކަމުގައި ‏‏ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ‏ބޭރުން އަތުވެދާނެ އެއްވެސް ނުފޫޒެއްގެ ސަބަބުން ހިތްތަކާއި ‏‏‏ނަފްސުތައް ހަލާކުވެދިޔުމަށް ޖާގަނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ސިފައިންނަށް ‏‏ނަސޭޙަތްތެރިވެ ވަޑައިގެންނެވި އެވެ. ‏