އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކުގެ އެލުމްނައި އެސޯސިއޭޝަން ކަމުގައިވާ މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި (އެމްއޭއޭ)ގެ ފުރަތަމަ އާންމު ބައްދަލުވުން ރޭ ޝައިންޓްރީ ބިލްޑިންގްގައި ބާއްވައިފި އެވެ.

އެމްއޭއޭ އިން ބުނީ އެ ބައްދަލުވުމުގައި ކުރިޔަށް އޮތް ދެ އަހަރަށް އެލުމްނައި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށް ޖަމްޢިއްޔާގެ އަހަރީ ފީ ކަނޑައެޅުމާއި އަދި ބޭނުންކުރާނެ ލޯގޯއެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބައްދަލުވުން އޮބްޒާވްކުރެއްވުމަށް އޮސްޓްރޭލިއާ އެވޯޑްސް އިން ސައުތް އެންޑް ވެސްޓް އޭޝިއާގެ ރީޖަނަލް ޑިރެކްޓާ ޓޯނީ ކްރޫކްސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޓޯނީ ވިދާޅުވެފައި ވަނީ އެލުމްނައި އެސޯސިއޭޝަން މެދުވެރިކޮށް ދިވެހިރާއްޖެ އަދި އޮސްޓްރޭލިއާ ދެމެދުގައިވާ ފަންނީ ގުޅުން އިތުރަށް ބަދަހިވެ، އޮސްޓްރޭލިއާ އެވޯޑްސް ރާއްޖޭގައި އިތުރަށް ޕްރޮމޯޓް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރަށް އިންތިހާބު ކުރެވުނު ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ 11 މެންބަރުންނެވެ.

އެ މަގާމުތަކަށް ހޮވިފައިވާ މެންބަރުންގެ ތެރޭގައި ޗެއާޕާސަނަކަށް ހޮވިފައި ވަނީ އާމިނަތު ޒުމްރާ އެވެ. އަދި ވައިސް ޗެއާޕާސަނަކަށް ހޮވިފައި ވަނީ އައިޝަތު ތިމްނާ ލަތީފެވެ.