ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނު އަބްދުﷲގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކުރި މައްސަލަ އިމްރާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އޭނާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގައި 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އިމްރާން ބެހެއްޓުމަށް އަމުރުކޮށްފައި އޮތްއޮތުން ބާތިލްކޮށް އެ އަމުރުގައިވާ މުއްދަތަަށް އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރާ ކަމަށެވެ.

އިމްރާނުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 10 ދުވަސް އިތުރުކޮށްފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

އެމައްސަލައާ ގުޅިގެން ހައިކޯޓުން ހުކުމްއިއްވައި ނިމުމާއެކު އިމްރާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާދި ދެންމެއަކު އޭނާވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް އިމްރާން ހައްޔަރުކޮށް މީގެ ކުރިން 15 ދުވަހުގެ މުއްދަތު ޖެހިމައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އިމްރާނު ބަންދުގައި ބެހެއްޓުމަށް ކުރިން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުގެމަތިން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ އެމީހަކު ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ.

އަދި އިމްރާންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ކަންހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، އިމްރާން ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ.