27 May 2015, 13:46
ކޮރަޕްޝަން މައްސަލައެއްގައި ސްވިޒަލޭންޑްގެ ފުލުހުން ފީފާގެ އެއް ނައިބުރައީސް އަދި އެފްރިކަން ފުޓްބޯލް ކޮންފެޑްރޭޝަން ނުވަތަ ކޮންކާކަފް ގެ ރައިސް ޖެފްރީ ވެބް ހިމެނޭ ގޮތަށް ފީފާގެ މަތީ ފަންތީގެ އޮފިޝަލުން ތަކެއް ހައްޔަރުކޮށްފި އެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޒިޔުރިކްގެ ފުލުހުން ފީފާގެ އޮފިޝަލުންތައް ހައްޔަރު ކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޒިޔުރިކްގައި ހުންނަ ބާއައުލެކް ހޮޓެލުންނެވެ.
ފަސް ތަރިގެ ބާލެކް ހޮޓަލްގައި ފީފާގެ އޮފިޝަލުން ތިބި ރޫމަށް އާދައިގެ ހެދުމުގައި ތިބި ފުލުހުން ވަނީ ރިސެޕްޝަނުން ރޫމްތަކުގެ ތަޅުދަނޑި ހޯދައިގެންނެވެ.
ބާއައުލެކް ހޮޓަލަކީ މިއަދު ފެށުމަށް ހަމަޖެހިފައިވާ ފީފާގެ 65 ވަނަ ކޮންގްރެސްއަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ބައެއް މަންދޫބުން ތިއްބަވާ ހޮޓަލެވެ.
މި އޮޕަރޭޝަންގައި ފީފާގެ އޮފިޝަލުން ކާރުގައި ބާއައުލެކް ހޮޓަލަށް ވަޑައިގެންނެވިއިރު ޒިޔުރިކްގެ ފުލުހުން ދިޔައީ ފީފާގެ އޮފިޝަލުންގެ ކާރު ފޮލޯ ކުރަމުންނެވެ. ފުލުހުން އެތަނަށް ވަނީ ލިބޭ ބާރުގެ ދަށުން ކުށުގެ މާހައުލަކަށް ކުރިން އެނގުމަކާ ނުލައި ވަނުމުގެ ހައްގު ލިބިގެންވާތީ ކަމަށް ޒިޔުރިކްގެ ފުލުހުން ބުނެއެވެ.

ކޮސްޓަރިކާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް އެޑްވާޑް ލީ ސަންޗޭޒް ފީފާގެ ރައީށް ބްލެޓަ ގެ އަރިހުގައި: ކޮރަޕްޝަން މައްސަލައެއްގައި ޒިޔްރިކްގެ ފުލުހުން ވަނީ އޭނާވެސް ހައްޔަރުކޮށްފައި --- ފޮޓޯ އައިއެސްއައި ފޮޓޯސް
ފުލުހުން ހައްޔަރު ކުރަން އުޅުމުން އެއްވެސް އޮފިޝަލަކު ނުކިޔަމަންތެރިކަން ދައްކާފައެއް ނުވެއެވެ. އަދި ހައްޔަރު ކުރިއިރުވެސް އެއްވެސް ބޭފުޅެއްގެ އަތުގައި ބިޑިއަޅުވާފައެއް ނުވެއެވެ. ހައްޔަރު ކުރި އޮފިޝަލުންގެ ތެރެއިން ކޮސްޓަރިކާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް އެޑްވާޑް ލީ ސަންޗޭޒް އޭނާގެ ފޮއްޓެއް ނެރެން ހުއްދަ ދިނުމުން އޭނާ ނެރުނު ފޮށީގައި ފީފާގެ ލޯގޯ ޖަހާފައި ހުއްޓެވެ.
ފީފާގެ އޮފީޝަލުން ހޮޓަލަށް ކާރުގައި ވަޑައިގެންނެވިއިރު އެހޮޓަލުގެ މުވައްޒަފުން ވަނީ އެބޭފުޅުން ކާރުން ފައިބާ މަންޒަރު ފޮރުވުމަށްޓަކައި ބޮޑު ފޮތިގަނޑެއް ބޭނުންކޮށްގެން ފޮރުވުމަށް މަސައްކަތްކޮށްފައެވެ.

ފީފާގެ އޮފިޝަލުން ޒިޔުރިކްގައި ހުންނަ ބާއައުލެކް ހޮޓެލްއަށް ވަޑައިގެންނެވިއިރު ހޮޓެލްގެ މުވައްޒަފުން، އެބޭފުޅުން ކާރުން ފައިބާ މަންޒަރު ފޮރުވުމަށް ފޮތިގަނޑެއް ބޭނުން ކުރަނީ --- ފޮޓޯ/ ނިއުޔޯކް ޓައިމްސް
މިމައްސަލައިގައި އިތުރު 10 އޮފިޝަލެއްގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރު ވަމުންދާކަމަށް ސްވިޒަލޭންޑްގެ ޕްރޮސިކިއުޓަރުން ވަނީ ބުނުނެފައެވެ.
އޭގެ ތެރޭގައި ޖެފްރީ ވެބް އާއި ލީ ސަންޗޭޒް އާއި އެގްޒެކެޓިވް ކޮމިޓީގެ ދެ ނައިބުރައީސުން ކަމުގައިވާ އުރުގުއޭއަށް ނިސްބަތްވާ ޔުޖީނިއޯ ފެގްރޭޑޯއާއި އަދި އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެންބަރެއް ކަމުގައިވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޖެކް ވާނާ ހިމެނެއެވެ.
ޖެކް ވާނާ އަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ މައްސަލަ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.
ކޮރަޕްޝަން މައްސަލައެއްގައި ފީފާގެ އޮފިޝަލުންތަކެއް ހައްޔަރުކޮށްފައިވަނީ ފީފާގެ މިހާރުގެ ރައީސް އަދި އިންތިޚާބުގައި ވާދަކުރައްވާ ޖޯސެފް ބްލެޓާ އިންތިޚާބަށް ނޫފޫޒު ފޯރުވަމުން ދާކަމަށް ވާހަކަ ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.
އަދި ފީފާގެ ތެރެއިން ކޮރަޕްޝަނާ ނާޖާއިޒު ފައިދަ ހޯދުމުގެ ޢަމަލުތައް ހިންގަމުންދާކަން ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ވޯލްޑް ކަޕް ބިޑާއި ޓީވީ ރައިޓްސް އަދި ސްޕޮންސާޝިޕްގެ އެއްބަސްވުންތަކުގައިވެސް ފީފާއިން ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގަމުންދަކަމަށް އެތަށް ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.