27 May 2015, 13:26
ދަތުރުވެރިންގެ މާރުކޭޓް އަލަށް ހަދައި ނިމޭ އިރު އެތަނުގައި ވަށައިގެން ފެންސް ޖަހާނެ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
"މާރުކޭޓް ވަށައިގެން ވޯލްއެއް ހުރެފައި. އެ ވޯލް މަތި
ން އެލްމިނިއަމް ފެންސެއްލެވޭނެ،" ޒަރީރު ވިދާޅުވި އެވެ.
މާރުކޭޓު ވަށައިގެން ހަތަރު ފޫޓް ފާރެއްލުމަށް ފަހު އޭގެ މަތިން ފަސް ފޫޓްގެ އެލްމިނިއަމް ފެންސެއް ލުމަށް ނިންމާފާވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
މާރުކޭޓުން ވައްކަން ކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންނަމަވެސް އެކަމަށް ވެސް ފެންސްގެ ސަބަބުން ހައްލެއް އަންނާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަލަށް ހަދާ މާރުކޭޓްގެ ސަތަރީގެ ބަދަލުގައި ހުންނާނީ ޓިނު ފުރާޅެއް ކަމަށް ވެސް ޒަރީރުވިދާޅުވި އެވެ. އެ ފުރާޅު ހުންނާނީ ނުވަ ފޫޓް އުސްމިނުގަ އެވެ. މާރުކޭޓް ހަދައި ނިމޭ އިރު ކުރިއާ އަޅާބަލާ އިރު ހުންނާނީ ވަރަށް ޒަމާނީކޮށް ކަމަށް ޒަރީރް ވިދާޅުވި އެވެ.
ދަތުުރުވެރިންގެ މާރުކޭޓްގެ މަސައްކަތް ހަވާލުކުރަން ނިންމާފައި ވަނީ ސިފްކޯ އާ އެވެ. އެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. ދަތުރުވެރިންގެ މާރުކޭޓް މަރާމާތު ކުރުމަށް ޓަކައި އެތަނުގައި ގޮޅި ހިންގަމުން އައި ފަރާތްތަކަށް ވަނީ ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގައި ވަގުތީ ގޮޅިތަކެއް ހަދައިފަ އެވެ.