ދައުލަތުގެ ހުއްދައާ ނުލައި އަތޮޅުވެރިކަން ބަދަލުކޮށް، ދައުލަތުގެ މިލްކިއްޔާތުގައިވާ އޮފީސްތައް ހަލާކުކޮށްލައިގެން ވަދެ، އެތަންތަނުގައި ކައުންސިލްތައް ހިންގުމުގެ ބާރު އެއްވެސް ކައުންސިލަކަށް ލިބިގެންނުވާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ އުސޫލު ތަންފީޒުކުރުމަށް ޔޫއެންޑީޕީން ދިން މާލީ އެހީގެ އެގްރިމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މިއަދު މައުލޫމާތުދެއްވަމުން އަފީފް ވިދާޅުވީ، ޤާނޫނީ ގޮތުން ބަލާއިރު އިދާރާތައް ގާއިމްކުރެއްވުމާއި ބަދަލުކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާ އިރު، ކައުންސިލްތަކަށް ވެރިކަންކުރާ ރަށް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި ކ. އަތޮޅުގެ ވެރިކަން ތުލުސްދޫ އަށާއި، ށ. އަތޮޅުގެ ވެރިކަން އެ އަތޮޅު ފުނަދޫއަށް ބަދަލުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"އެބޭފުޅުން އަޅުގަނޑުމެންނާ މަޝްވަރާކޮށްފައެއް ނޫން ރިޒޮލިއުޝަނެއް ފާސްކުރެއްވީ. ޤާނޫނުގައި އެއްވެސް ކައުންސިލަކަށް އެބޭފުޅުންގެ އިދާރާ ހިންގަވާނެ ތަނެއް ކަނޑައެޅުމުގެ ބާރެއް ނުދޭ،" އަފީފް ވިދާޅުވި އެވެ.

އަދި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އޮފީސްތަކަކަށް، އެ މިނިސްޓްރީގެ ހުއްދައާ ނުލައި ށ. އަތޮޅާއި ކ. އަތޮޅު ކައުންސިލުގެ ބޭފުޅުންނަށް ވަދެވަޑައިނުގެންވޭނެ ކަމަށް ވިދާޅުވެ، އަފީފް ވަނީ އެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ދައުލަތުން އެބައޮތް ވަކި ތަނެއް ދައްކައިފައި ކަނޑައަޅައިފައި ދައްކައިފައި މީއޭ އިދާރާއަކީ. ދެން ހަމަ މިސާލަކަށް ށ. އަތޮޅު ކައުންސިލް ނޫނިއްޔާ މާލެ އަތޮޅު ކައުންސިލްގެ ބޭފުޅުން އައިސްފައި ރައީސް އޮފީހަށް ވަދެފައި، މީއޭ މިއަދު މާލެ އަތޮޅު އޮފީހުގެ އިދާރާއޭ ބުނީމާ ގަބޫލުކުރަންވީތޯއޭ. ނޫނިއްޔާ އަނެއްބަޔަކު ގޮސް ސުޕްރީމްކޯޓު ހިންގާ އިމާރާތް ތީމުގެއަށް ވަދެފައި، ށ. އަތޮޅު ކައުންސިލަރުން މީއޭ މިއަދު ށ. އަތޮޅު ކައުންސިލްގެ އޮފީހަކީ ބުނީމަ އެގޮތް ގަބޫލުކުރައްވަންތޯ،" އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި، ތުލުސްދޫ ތަޅުދަނޑި ފުލުހުން އަތުލައިފައެއް ނުވެ އެވެ. އެ ތަޅުދަނޑި އޮތީ ތުލުސްދޫ އޮފީސް އިމާރާތުގައި ކަމަށާއި ކައުންސިލުގެ ރައީސް އަހްމަދު ސައީދު ހުވާކުރެއްވުމަށް ވަޑައިގަތީ އެ ތަޅުދަނޑިފަތި ހިއްޕަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަޅުދަނޑި އޮތީ ތުލުސްދޫ އޮފީހުގެ ތިޖޫރީގައި. އެއީ ކުރީދުވަހު މި ދަންނަވާ އަތޮޅު އޮފީސް ކުރިން ހިންގި އިމާރާތާއި އަތޮޅުގެ ހިންގި އިމާރާތުގެ، އެތަނުގައި ހުރި އިންވެންޓަރީ ނަގަން ޕްރޮވިންސް އޮފީހުން ގޮސްފައި އެތާ އޮތީ ތަޅުދަނޑި ބާއްވައިފަ. ދެން އަތޮޅު ކައުންސިލަރަކަށް އަދި މަގާމަކަށް އިންތިހާބުވިޔަސް މަގާމާ ހަވާލުވީމާ ދެއްތޯ ޤާނޫނީ ގޮތުން އޭނާއަކީ ކައުންސިލަރަކަށްވާނީ. އެކަމަކު އެބޭފުޅާ ހުވާކުރައްވަން ވަޑައިގަތީ ތަޅުދަނޑިފަތި ހިފައިންގެން،" އަފީފް ވިދާޅުވި އެވެ.

އަފީފު އިތުރަށް ވިދާޅުވީ، ތުލުސްދޫ އޮފީހަށް ކައުންސިލަރުން ވަޑައިގަތީ އެތަން "ހަލާކުކޮށްލައިފައި" ކަމަށާއި ފުނަދޫގައި ހުރި ށ. އަތޮޅު އޮފީސް ކުރިން ހިންގި އިމާރާތަށް އެ އަތޮޅުގެ ކައުންސިލަރުން ވަދެވަޑައިގަތީ ސަރުކާރުން އެތަން ހަވާލުކޮށްފައި ނުވަނީސް ކަމަށެވެ. އެހެންކަމުން އެ ދެ މައްސަލަ ވެސް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދައުލަތުގެ އެއްޗެހި އެބަޖެހޭ އަޅުގަނޑުމެން ހިމާޔަތްކުރަން. ފުލުހުންނަށް އެބޭފުޅުންގެ ވާޖިބުތަކެއް ވެސް އަދާކުރަން ޖެހޭ. މިސާލަކަށް މަގުމަތީގައި މީހަކު މާރާމާރީ ހިންގަނީ، ކޮންމެހެން މީހަކު ރިޕޯޓުކުރާކަށް ނުޖެހޭ. އަނެކަކު ގޮސް ވައްކަންކުރަނީ، އެކަންތައް ފުލުހުންނަށް ފެނުނީމަ ހުއްޓުވަން އެބަޖެހޭ. ދެން ފުލުހުންނަށް އެދެތަން، ތުލުސްދޫގަ އާއި ފުނަދޫގައި ހުރި މި ދެންނެވި އިމާރާތްތައް ފުލުހުން ބަލަހައްޓަން، އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންނަން ހޯމް މިނިސްޓްރީން ވަނީ އަންގައިފައި،"

ކ. އަތޮޅު ކައުންސިލާއި ށ. އަތޮޅުކައުންސިލުން ވެރިރަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އެ ދެ ރަށުގެ މަސްރަހު ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެފަދަ ނިންމުމެއް ކައުންސިލަށް ނުނިންމޭނެ ކަމަށް ހޯމް މިނިސްޓާ ވިދާޅުވަމުން ގެންދަވާ އިރު، ކައުންސިލްތަކުގެ ބޭފުޅުން ވިދާޅުވަނީ، އެގޮތަށް ނިންމައިފައި ވަނީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.