މާލޭގެ އުތުރުފަރާތުގައި ހަދާފައިވާ ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކުރުމަށް ފަހު އެތަނުގައި ތިބި ވިޔަފާރިވެރީން ބަދަލުކޮށްފައިވާ ވަގުތީ މާރުކޭޓުގައި ވިޔަފާރި ވަރަށް ދަށް ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

މަސްމާރުކޭޓު ދޮރުމަތިން ފެށިގެންގޮސް ވަޅޯމަސްމާރުކޭޓު ސަރަހައްދުގައި ހަދާފައިވާ ވަގުތީ މާރުކޭޓުގައި ތިބި ވިޔަފާރިވެރިންގެ ވާހަކަތަކަށް ބަލާއިރު އަލަށް ހެދި ވަގުތީ މާރުކޭޓުގެ ވެންޓިލޭޝަންގެ މައްސަލަތަކުގެ ސަބަބުން ވިޔަފާރިއަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައި ވެއެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ކުރީގެ މާރުކޭޓުން ދުވާލެއްގެ މައްޗަށް 3000 ރުފިޔާ އާމްދަނީއަކަށް ލިބޭއިރު މިހާރު ވަގުތީ މާރުކޭޓުން ލިބެނީ 500 ރުފިޔާ ކަމަށެވެ. ގިނަ ވިޔަފާރިވެރިންގެ ޝަކުވާއަކީ ވަގުތީ މާރުކޭޓުން ވިޔަފާރި ދަށް ވުމެވެ.

އަލަަށް ހެދި ވަގުތީ މާރުކޭޓް: ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"ދޮންކަލޯ ވަރަށް ވިޔަފާރި ދަށް. މިތަން ކުޑަކަމުން އެއްޗެއް ބެހެއްޓެނިއްޔެއް ނޫން. އަނެއްކޮޅުން މިހިރަ [ދޮންކެޔޮ] މިހިރަ ފީވެ ދަނީ،" ވިޔަފާރިވެރިޔަކު ސަން އަށް ބުންޏެވެ.

ވަގުތީ މާރުކޭޓުން މީހަކަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް ތިން ފޫޓް ފުޅާ ހަ ފޫޓް ދިގު ގޮޅިގޮޅިއެވެ. އެ ސަރަހައްދަކީ ވަރަށް ހަނި ސަރަހައްދަކަށް ވުމުން ވިޔަފާރި ކުރަންދާ ފަރާތްތަކަށް ހިނގާބިނގާވެ އުޅެން ދައްޗެވެ.

އަލަަށް ހެދި ވަގުތީ މާރުކޭޓް: ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކޮށްފައިވަނީ އެ މާރުކޭޓު މަރާމާތުކޮށް ރަނގަޅު ފެންވަރެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަންނަ ރޯދަމަހުގެ ކުރިން އެތަން ހުޅުވާ ގޮތަށެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވެންދެން މުދާ ބޭލުމަށާއި އޮޑިދޯނި ފަހަރު ފުރުމަށް ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގެ ޖެޓީ ބޭނުންނުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.